ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރާއްޖެއިން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރެއް ރައީސް މުހައްމަދު މުއިއްޒުގެ ކުއްލި އެންގެވުމަށް ކެންސަލް ކުރައްވައިފި އެވެ.

އެމިރޭޓްސްގެ EK 661 ނަންބަރު ފްލައިޓުން އަބޫދާބީއަށް އިއްޔެ ދަތުރުކުރެއްވުމަށް ޓިކެޓް ނަގައި، ދަތުރުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސާފައި ވަނިކޮށް ރައީސް މުއިއްޒު ވަނީ އެ ދަތުރު ކެންސަލްކުރުމަށް ޣައްސާނަށް އަންގަވާފަ އެވެ.

އެ ދަތުރަކީ ކޮން ކަމަކާ ގުޅިގެން އަބޫދާބީއަށް ކުރަން އޮތް ދަތުރެއްކަމެއް އަދި ނޭނގެ އެވެ.

އެ ދަތުރުގައި ޣައްސާނާއެކު ބައިވެރިވާން ހަމަޖައްސާފައި ވަނީ އެމްއެންޑީއެފްގެ ކާނަލް ހުސައިން ބުޝްރީ އާއި ޣައްސާންގެ ޒަމާންވީ ރަހުމަތްތެރިޔާ ހުސައިން ޝިމާމެވެ. އޭނާއަކީ ސޯޝަލް އެންޑް ފެމެލީ މިނިސްޓަރު އައިޝަތު ޝިހާމްގެ ކޮއްކޮ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމް، ޕީއެންސީގެ އިސް ލީޑަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންގެ ބާރުކަނޑުވާލައި، ސިޔާސީ ކުރިމަގު ބަންދުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ޣައްސާން ނައިބު ރައީސަކަށް ހުންނެވި ޕީޕީއެމް ދާދި ފަހުން ވަނީ އުވާލައިފަ އެވެ.