އެމެރިކާގެ މަޝްހޫރު ޓީވީ ޓޯކް ޝޯއެއް ކަމަށްވާ "ސަޓަޑޭ ނައިޓް ލައިވް"ގެ 50 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

"އެސްއެންއެލް 50"ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު އެންބީސީއިން ދުރަށް ދެއްކި އެ އެޕިސޯޑުގައި އެ ޝޯގެ ތާރީހުގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތައް ފެނިގެންދިޔަ އެވެ.

ތިން ގަޑިއިރަށް ދެމިގެންދިޔަ އެ ޝޯގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ބައިވެރިވެފައިވާއިރު ބައެއް ތަރިންގެ ހުށައެޅުންތެއް ވެސް ފެނިގެންދިޔަ އެވެ.

ނިޔު ޔޯކްގައި ލައިވްކޮށް ކުރިއަށް ދިޔަ އެ ޝޯ އެމެރިކާގެ އެތައް ހާސް ބަޔަކު އެއްފަހަރާ ބަލާފައިވާއިރު އެއީ އެގައުމުގެ ޓީވީގެ ތާރީހުގައި ފާހަގަކޮށްލެވޭ ރެއެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.

"ސަޓަޑޭ ނައިޓް ލައިވް"އަކީ އެމެރިކާގެ މަޝްރަހުގައި ހިނގާ ތަފާތު ކަންކަމަށް، ހާއްސަކޮށް މުނިފޫހި ފިލުވުމުގެ ދާއިރާއަށް އަލިއަޅުވާލާ ޓޯކް ޝޯއެކެވެ.

1975 ވަނަ އަހަރު ޕްރިމިއާ ކުރި އެ ޝޯއަށް 50 އަހަރު ފުރިފައިވާއިރު އެއީ މިއަދު ވެސް އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ޝޯ އެވެ.