ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ މިޒާޖާ ބެހޭގޮތުން އާއްމުންނަށް ކުރިން ނޭނގި އޮތް ކަމެއް އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފި އެވެ.
ތޫނުފިލި މީހުންގެ އިޖުތިމާއީ ގުޅުންތައް ދަށްވާނެ ކަމަށް ބުނާ ވީޑިއޯއެއް ދީޕިކާގެ އިންސްޓަގްރާމް ސްޓޯރީއަށް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އޭނާގެ މިޒާޖުގައި މީހުންނާ ބީރައްޓެހި ގޮތެއް ހުންނަނީ ކީއްވެގެންތޯ އަބަދުވެސް ސުވާލު އުފެދޭ ކަމަށެވެ.
އެ ޕޯސްޓުން އޭނާ އަންގައިދޭން ބޭނުންވި ކަމަކީ އޭނާގެ އިޖުތިމާއީ ގުޅުންތައް ދަށްވުމުގެ ސަބަބަކަށް ވަނީ އޭނާގެ ތޫނުފިލިކަން ކަމެވެ.
ދީޕިކާގެ މި ޕޯސްޓާއެކު ގިނަ ބައެއްގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެގޮތުން އެއްބަޔަކު އެކްޓަރަކަށްވެ ހުރެ މީހުންނާ ބީރައްޓެހި މީހެއްގެ ގޮތުގައި ދީޕިކާ ނުބެލެވޭނެ ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އެހެން ނަމަވެސް އަނެއްބަޔަކު ބުނާ ގޮތުގައި އެކްޓަރެއްގެ ގޮތުގައި ކޮންމެ ކަހަލަ ރޯލެއް ކުޅުނަސް ކޮންމެ މީހެއްގެ ވެސް މިޒާޖު ތަފާތުވާނެ އެވެ.
2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ދީޕިކާއަކީ އެ ދާއިރާގައި އުޅޭ އަންހެން ތަރިންގެ ތެރެއިން އެންމެ ތަހުޒީބީ އެއް އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.