ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ކުރި ހޭދަ ބޮޑު ތަނުން ގޮސްފައިވާކަން ހާމަވެއްޖެ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ވަނީ ދައްކާފަ އެވެ.
ފެބްރުއަރީ 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ހާމަކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 819 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 324 މިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ މިއަހަރު ބަޖެޓުކޮށްފައި ވާއިރު މިހާތަނަށް އޭގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 2.62 ޕަސެންޓެވެ.
މީގެ އިތުރުން ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް ފުރަތަމަ ހަ ހަފްތާގައި މުސާރަ ހަރަދު ވަނީ 117 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. އެގޮތުން
މި އަހަރު 1.14 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރު މުސާރަ ހަރަދު ހުރީ އެ މުއްދަތުގައި 1.02 ބިލިއަންގަ އެވެ. އޭގެ ކުރީ 2023 ވަނަ އަހަރު މުސާރަ ހަރަދު އެ މުއްދަތުގައި ހުރީ 959 މިލިއަން ރުފިޔާގަ އެވެ.
މި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ ހަ ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 11.43 ޕަސެންޓުން އިތުރުވެފަ އެވެ.
ހަމައެހެންމެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަުގެ އާމްދަނީވެސް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
ދައުލަތަށް ފުރަތަމަ ހަ ހަފްތާގައި ތެރޭގައި ލިބުނު ޖުމުލަ އާމްދަނީވަނީ މިދިޔަ އަހަރަށް ވުރެ 359 މިލިއަން ރުފިޔާ މަދުވެފަ އެވެ. ޓެކްސް އާމްދަނީ 192 މިލިއަން ރުފިޔާ މަދުވިއިރު އިމްޕޯޓް ޑިއުޓީން އެކަނި 104.3 މިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ.