ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރަން އެދި ކުރީގެ ބަންޑާރަ ނައިބުން ހިމެނޭހެން 70 އަށް ވުރެ ގިނަ ވަކީލުންގެ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލް ބަލައިގަތުމަށް މަޖިލީހުން މިއަދު ނިންމާފައިވާއިރު, އެ ބިލްގެ މަސައްކަތް މި ހަފުތާ ނިމުމުގެ ކުރިން ނިންމާނެ ކަމަށް ބެލެވެ އެވެ.

އެ ބިލް ފާސް ނުކުރަން އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ހުށަހެޅި ޕެޓިޝަންގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދާއި ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ސޮއި ކުރައްވާފައިވެ އެވެ. އަދި 71 ވަކީލަކު އެ ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

އެ ޕެޓިޝަންގައި, އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފް ބިލެއް ކަމަށް ބުނެ, އެ ބިލް ފާސް ނުކުރަން އެދިފައިވެ އެވެ.