37 އަހަރަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާއާއި އޭނާގެ އަންހެނުން ސުނީތާ އަހޫޖާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ގޯވިންދާއާއި ސުނީތާ ވަކިވަކިން ދިރިއުޅޭތާ މިހާރު ދުވަސްތަކެއް ވެދާނެ އެވެ. މިއަހަރުގެ ކުރީކޮޅު މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެ ދެމީހުން ވަކިވަކިން އުޅޭކަން ސުނީތާ ވަނީ ޔަގީން ކޮށްދީފަ އެވެ.
އެ ދެމީހުން ވަކިވަކިން ދިރިއުޅެމުން ގެންދަނީ ކީއްވެގެން ކަމެއް ނޭނގުނު ނަމަވެސް އެ އިންޓަވިއުގައި ސުނީތާ ވަނީ އެ ދެމީހުންގެ މިޒާޖުގައި ހުރި ތަފާތު ފާހަގަ ކޮށްފަ އެވެ.
"އޭނަ ގެއަށް އައިސް 12-10 މީހުން އެއްކޮށްގެން ވާހަކަ ދައްކަން އިނދެފާނެ. އެއާ ހިލާފަށް އަހަރެން ގަބޫލު ކުރަނީ މާ ވާހަކަ ގިނަވުމަކީ ބޭކާރު ކަމެއް ކަމަށް" ސުނީތާ ބުންޏެވެ.
1987 ވަނަ އަހަރު ކައިވެނިކުރި ގޯވިންދާއާއި ސުނީތާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެކުދިން ވެސް ދިރިއުޅެނީ ސުނީތާއާ އެކީގަ އެވެ.
ގޯވިންދާއަކީ 90ގެ އަހަރުތަކުގައި ނުކުތް ބޮލީވުޑްގެ މަޝްހޫރު ހެއްވާ މަޖާ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. އޭނާގެ ފިލްމުތަކުގެ ތެރޭގައި "އަނާރީ ނަމްބަރު 1"، "ހީރޯ ނަމްބަރު 1" އަދި "ކޫލީ ނަމްބަރު 1" ހިމެނެ އެވެ.