ހޮލީވުޑްގެ މަޝްހޫރު ތަރި މެތިއު ޕެރީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމެންޓްރީގައި އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ "ފްރެންޑްސް"ގެ ތަރިންގެ ފެނިލުމެއް ފެނިފައިނުވާކަން ގިނަ ބަޔަކު ފާހަގަކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރި "މެތިއު ޕެރީ: އަ ހޮލީވުޑް ޓްރެޖެޑީ"އަކީ މެތިއު ޑްރަގް ބޭނުންކުރި ދުވަސްވަރުން ފެށިގެން އޭނާގެ މަރާ ހަމައަށް އެކްޓަރުގެ ދިރިއުޅުން ދައްކުވައިދޭ ޑޮކިއުމެންޓްރީ އެކެވެ.

1994 ން 2004 އަކަށް ކުރިއަށްދިޔަ "ފްރެންޑްސް"އަކީ މެތިއުގެ ހަޔާތުގެ ބޮޑު ހިއްސާއަކަށްވާއިރު އަދި އެ ޝޯގައި އޭނާއާއެކު މަސައްކަތްކުރި ތަރިންނަކީ އޭނާގެ އެންމެ ގާތް އެކުވެރިންނަށްވާއިރު އެ މީހުން އެ ޑޮކިއުމެންޓްރީގައި ހިމަނާފައި ނުވުމުން ގިނަ ބަޔަކު ހިތްހަމަ ވެސް ނުޖެހުނެވެ.

އެކަމާ ބެހޭގޮތުން އެ ޑޮކިއުމެންޓްރީގެ ޑައިރެކްޓަރު ރޮބާޓް ޕަލުމްބޯ ބުނީ "ފްރެންޑްސް"ގެ އެހެން ތަރިންގެ ފެނިލުމެއް ޑޮކިއުމެންޓްރީއިން ނުފެނުނީ އެކަމަށް އެމީހުން ތައްޔާރު ނޫންވީމާ ކަމަށެވެ.

"އަހަންނަށް އެނގޭ އެމީހުން އެކަމަށް ފަސްޖެހެނީ ކީއްވެކަން. ފަހަރެއްގައި މީގެ އަހަރުތަކެއް ފަހުން އެމީހުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަފާނެ" ރޮބާޓް ބުންޏެވެ.

މެތިއު މަރުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ އުޅުނު ގޭގަ އެވެ. އޭނާގެ ޖަނާޒާއަށް ފްރެންޑްސްގެ ތަރިން އެކުވެފައިވެ އެވެ.