ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ސިއްހަތާ ގުޅިގެން މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް އޭނާ އެންމެ ފަހުން ރައްދު ދީފި އެވެ.

ޖަސްޓިންގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ޖަސްޓިން މިހާރު ހޭދަކުރަމުން އަންނަނީ އޭނާގެ ދިރިއުޅުމުގެ އެންމެ ރަނގަޅު ދުވަސްތަކެވެ.

މުނިފޫހި ފިލުވުމުގެ މަސައްކަތްތަކުގެ އިތުރުން އޭނާގެ ޒާތީ ހަޔާތުގައި ވެސް ޖަސްޓިންއަށް ބޮޑު ކުރިއެރުންތެކެއް ލިބިފައިވާކަން އޭނާ ފާހަގަކުރި އެވެ.

އެގޮތުން ޖަސްޓިންއާއި އޭނާގެ އަންހެނުން ހެއިލީ ބީބާ އެމީހުންގެ ދަރިފުޅާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ޖަސްޓިންގެ އުފަން ދުވަހަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަސްޓިންގެ ސިއްހަތު ގޯސްވަމުން އަންނަ ކަމަށް މީޑިއާގައި ވާހަކަ ދެކެވެން ފެށީ އޭނާގެ އެންމެ ފަހުގެ ފެނިލުންތަކުގައި އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ވުމުންނެވެ.

ޖަސްޓިންއާއި ހެއިލީ ވަނީ މިދިޔަ އަހަރު އެމީހުންގެ އަލަތު ދަރިފުޅު ޖެކް ބްލޫސް ބީބާއަށް މަރުހަބާ ކިޔާފަ އެވެ. އެ އާއިލާ އެކުގައި އެކި ތަންތަނުން ފެނެ އެވެ.