އަންނަ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ ރޯދަމަހަށް ބިލް ތައްޔާރުކުރާނީ ވަކިން ކަމަށާއި، ރޯދަމަހުގެ ފުރަތަމަ ދުވަހު ރީޑިން ނަގާނެ ކަމަށެވެ. އަދި ރޯދައިގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއް ތައްޔާރުކުރުމަށް ނިންމާފައިވާ ކަަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭ ވެސް އެގޮތަށް ކަމަށެވެ. އަދި އެންމެ މަދުވެގެން ދިހަ ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ 1 އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށް ވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސް މުއިއްޒު މިދިޔަ ރޯދަމަހު ނިންމެވި އެވެ.
މިދިޔަ އަހަރު ރޯދަ މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިން ނަމަވެސް އާދައިގެ މަސްތަކަށް ވުރެ ބިލު ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާކުރި އެވެ. އަދި އެ ޝަކުވާތަކާ ހެދި ޖެހިގެން އައި މަހު ވެސް ޑިސްކައުންޓް ދިނެވެ.
މިދިޔަ ރޯދަމަހު ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން ފެނާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިން ކަމަށް ބުނެ އެވެ.