ބަރުދަން އިތުރުވުމުގެ ސަބަބުން ފިލްމުތަކުގެ މުހިއްމު ރޯލުތައް އަތުން ދޫވި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ ބުނެފި އެވެ.

"ހޯޓާ ފްލައި"އަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ އޭނާގެ ފިލްމީ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ސޮނާކްޝީ ބުނީ އޭނާގެ ހަށިގަނޑު އޭރު ތަންކޮޅެއް ފަލަކޮށް ހުންނާތީ ކާސްޓިން ޑިރެކްޓަރުން އޭނާއަށް ފިލްމުތަކުގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

އެކަމުގެ ސަބަބުން އަމިއްލަ ނަފްސު މަތިން ފޫހިވެ ޑިޕްރެޝަންއާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ސޮނާކްޝީ ފާހަގަ ކޮށްފައިވެ އެވެ.

ސޮނާކްޝީ ވަނީ ބޮލީވުޑަށް ވަނުމަށްފަހު މަދު އަހަރުކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އާއްމުން ހައިރާން ކޮށްލާފަ އެވެ.

2010 ވަނަ އަހަރު ނުކުތް "ދަބަންގް"އިން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީ ވަނީ ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި ގިނަ ފިލުމުތަކަކުން ފެނިފަ އެވެ.