މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ކުރިއަށް އޮތް 30 ދުވަސް މުސްލިމުން ރޯދަ ހިފުމުގައި ހޭދަކުރާއިރު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ވެސް ހުރެ އެވެ.

ދުޅަހެޔޮ ހާރެއް ކެއުން

ރޯދައަށް ހުންނައިރު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކެއުމަކީ ހާރުދަމުގެ ކެއުމެވެ. މުޅި ދުވަހު ހައިބަނޑަށް ހުންނަން ޖެހޭއިރު ހާރުދަމުގެ ކެއުމުގައި ކާބޮހައިޑްޓްރޭޓްސް، ޕްރޮޓީންސް، ފެޓްސް އަދި ފައިބާ އެކުލެވޭ ބާވަތްތައް ހިމެނުން މުހިއްމެވެ.

ލުއި ރޯދަ ވީއްލުމެއް ކެއުން

މުޅި ދުވަހު ހައިބަނޑާ ހުރުމަށްފަހު އެންމެ ފުރަތަމަ ކާ ކެއުމަކީ ލުއި ކެއުމަކަށް ހެދުން ބުއްދިވެރި އެވެ. އެއްފަހަރާ މާ ގިނައިން ކެއުމުގެ ބަދަލުގައި ކުޑަ މިންވަރެއް ކެއުމަކީ އެންމެ ރަނގަޅު ގޮތެވެ. ނޫންނަމަ ވައިގެ އުނދަގޫތައް ކުރިމަތިވެދާނެ އެވެ.

ދިޔާ ތަކެތި ގިނައިން ބޭނުން ކުރުން

ކޮންމެ ދުވަހެއްގެ ވެސް އިރު އޮއްސުމަށްފަހު ފަތިހުގެ އަލިކަން ފާޅު ވަންދެން ގިނަގިނައިން ދިޔާތަކެތި ބުއިމަކީ ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފެން މަދުވުމުން ސަލާމަތް ކޮށްދޭނެ ކަމެކެވެ. އޭގެ ތެރޭގައި ފެން ގިނައިން އެކުލެވޭ މޭވާ ކެއުން ވެސް ހިމެނެ އެވެ.

ބޭސް ކެއުމުގައި ސަމާލުވުން

ދާއިމީ ބަލިތަކަށް ބޭސް ކަމުންދާ ފަރާތްތަކުން ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު ބޭސް ކެއުމުގެ ކަންކަން ހަމަޖެެއްސުން އެދެވިގެންވެ އެވެ.

ހަރަކާތްތެރިވެ އުޅުން

ރަމަޟާން މަހަކީ އާއްމުކޮށް އަރާމު ކުރުމުގެ ދުވަސްވަރެއް ކަމަށް ދެކެވިފައި އޮތްނަމަވެސް މި މަހު ވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅުން މުހިއްމެވެ. އެގޮތުން ރޯދަ ވީއްލުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިނގާލުން ވަރަށް މުހިއްމެވެ.