ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލާގައި ސަރުކާރުން ބައިވެރިވެފައިވާތަން ފެންނަ ކަމަށާއި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އެ މައްސަލައާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަތިޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަމަށެވެ.

"ސަރުކާރުން މި ވައްކަމުގައި ބައިވެރިވެފައިވާ ތަން ފެންނަނީ. ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކަން ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރައްޔިތުންނާއެކު އެ މަނިކުފާނު އެކަމުގައި ދޫ ނުދެއްވާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު އިއްޔެ ރޭ ވިދާޅުވީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އައު މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ، އެ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރު އަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ތުކުމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތައާރަފްކޮށްދީފައި ވަނީ އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.