ހެލްތު މިނިސްޓްރީން ފައިސާ ދެއްކި 75 ވެންޓިލޭޓަރުގެ ތެރެއިން ރާއްޖެއަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރު. އެ މައްސަލައާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި. މި މައްސަލަ ފެންމަތިވެ، އެމްޑީޕީން އިސްވެ އޮވެ މަޖިލީހަށް ހެލްތު މިނިސްޓަރު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އޭނާ ވަނީ މިދިޔަ އޮކްޓޯބަރު 21 ވަނަ މަގާމުން އިސްތިއުފާ ދެއްވާފައި.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދަމަހައްޓައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިރޭ ވިދާޅުވީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އައު މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީ، އެ މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރު އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ތުކުމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތައާރަފްކޮށްދީފައި ވަނީ އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އެ ފަރާތުގެ ކޮންޓެކްޓް ހެލްތުގެ ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް)، އަހުމަދު އަސްލަމްއަށް ދީފައި ވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައި ވަނީ ކުރީގެ މިނިސްޓަރު އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

"މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑާކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެއީ މިނިސްޓަރު އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށާއި ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ ދެ މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރު އަމީން ބުނެފައިވާކަން އެނގޭތީ އާއި، 75 ވެންޓިލޭޓަރުގެ 75 ޕަސެންޓް އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރު އަމީން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،" އޭސީސީން ބުނެފައިވެ އެވެ.