ކަރަންޓު ބިލުން މަކަރު ހަދައި ބިލު ބޮޑުކޮށް ފޮނުވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރަން ފެށުމުން، އަންނަ މަހުން ފެށިގެން ކަރަންޓު މީޓަރުގެ ރީޑިން ނަގާތާ އެއް ދުވަހުގެ ތެރޭގައި ބިލު ފޮނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މި ބަދަލު ގެނައުމަށްޓަކައި ސްޓެލްކޯއިން މިހާރު ވަނީ ބިލު ފޮނުވާ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެެވެ. މީގެ ކުރިން ސްޓެލްކޯއިން ބިލު ފޮނުވަމުން ގެންދިޔައީ މީޓަރުގެ ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސް ފަހުންނެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ޕީއެސްއެމްއަށް ވިދާޅުވީ ބިލު ފޮނުވާ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އެ ގޮތުން މީގެ ފަހުން ރީޑިން ނަގާތާ އެއް ދުވަސް ފަހުން ބިލު ފޮނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލު ގެނައުމަށްޓަކައި ސްޓެލްކޯއިން ވަނީ މިދިޔަ މަހު ދެ ބިލެއް ފޮނުވާފަ އެވެ. އެއީ މިދިޔަ މަހާއި އޭގެ ކުރީ މަހުގެ ބިލެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ދެން ސްޓެލްކޯއިން ފޮނުވަމުންދާނީ އެ މަހެއްގެ ބިލު އެކަންޏެވެ.
ފަހުމީ ވިދާޅުވީ 25 ދުވަސް ފަހުން ބިލު ފޮނުވުމުން އާންމުންގެ މެދުގައި ބިލަށް އަރާވަރާ މެދު އޮޅުން ހުންނަ ކަމަށެވެ.
"މިސާލަކަށް މަހެއްގެ ބިލު ފޮނުވީމަ އޭނަ އެބަ ބުނޭ ތިމަންނަ މިދިޔަ ވިއްސަކަށް ދުވަހު ގެއަކު ނޫޅެމޭ. ރާއްޖެއިން ބޭރުގައޭ މިހުރީ. އެކަމަކު އެ މަހު އެ ފޮނުވެނީ ވޭތުވެދިޔަ ވިހި ދުވަހަކަށް ނޫން. އެ ވިހި ދުވަހުގެ ކުރީގެ ބިލެއް އެ ފޮނުވެނީ. އެހެންވީމަ މިގޮތަށް ހުރި ކަންބޮޑުވުންތަކަށް ނިމުމެއް އަންނާނެ މި ބަދަލާއެކީގައި،" އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ޢަމަލުކުރަމުންދާނީ ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ގޮތަކަށް ކަމަށެވެ. އަދި ބިލު ހަދަނީ މީޓަރުގެ ރީޑިން ވަރަށް ރަނގަޅަށް ޗެކްކުރުމަށް ފަހު ކަމަށް ވިދާޅުވެ، ފަހުމީ ވަނީ ބިލުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ އަގު މަތިކުރުމެއް ނޯންނާނެކަމުގެ ވިދާޅުވެފަ އެވެ.
އަންނަ އޭޕްރީލް މަހު އާ އުސޫލަށް ކަރަންޓު ބިލު ފޮނުވާއިރު، އެންމެ ފުރަތަމަ ލިބޭނީ މި ހިނގާ މާޗްމަހުގެ ބިލެވެ. އެހެންކަމުން މި ބިލުގައި ސަރުކާރުން ދޭ ރޯދަ މަހުގެ ޑިސްކައުންޓް ހިމެނޭނެ އެވެ.