ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބަލައިގަނެ، އެ މަގާމުން އޭނާ ވަކިކޮށްފި އެވެ.

ސުއޫދު އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ސިޓީ އެޑްރެސްކޮށްފައި އޮތީ ރައީސް މުހައްމަދު މުއިއްޒުއަށެވެ. އޭރު ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް އެޖެންޑާކޮށްފައިވެ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިފާދެއްވާފައި ނުވާ ކަމަށް ބަލައި، އިއްޔެ ޖޭއެސްސީން ވަނީ އޭނާގެ އެ މައްސަލަތައް ބަލަން ނިންމާފަ އެވެ. އެއާ އެކު ސުއޫދު ވަނީ، ޖޭއެސްސީއަށް ވެސް އިސްތިއުފާގެ ސިޓީ ފޮނުއްވައިފަ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން 4 މާރިޗު 2025 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވެ އެވެ،" މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން އޭނާގެ އިސްތިއުފާގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރުދައްކަވަމުން ގެންދެވި އެވެ.

"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާއެކު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

މަޖިލީހަށް ބަލައިގެންތާ 48 ގަޑިއިރުތެރޭގައި ފާސްކުރި އެ ބިލު އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގެއް ނުކުރައްވަ އެވެ. ނަމަވެސް އެ ބިލު ފާސްކުރުމާއެކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ.