އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަން ކޯޕަރޭޝަނުން ބުނެފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ޝަކުވާކުރަމުންނެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވީ އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނުގައި ބޭނުން ކުރަމުންދާ ޖަނަރޭޓަރުތައް ގަވާއިދުން މަރާމާތު ނުކުރުމުގެ ސަބަބުން ކަމަށް ފެނަކައިން ބުނެ އެވެ.

މި މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ މީގެ ކުރިން ވެސް އައްޑޫއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިދިޔަ މަހުގެ ތެރޭގައި ގެންގޮސްފަ އެވެ. ނަމަވެސް އިތުރު ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހި ކަރަންޓު ލޯޑު ނުހިފެހެއްޓުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ޕީއެސްއެމްއަށް ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށް އަންނަ ހަފްތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ދިމާވި މައްސަލައަކީ ސްޕެއާ ނެތިގެން ދިމާވި މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޖަނަރޭޓަރުތަކުގެ ސްޕެއާ އެހެރީ އައްޑޫގައި. ޖަނަރޭޓަރަށް ދިމާވި މައްސަލަތަކެއް އެ ދިމާވީ. ދެން ސްޕެއާ ހުރެގެން މަރާމާތު ކުރަމުން މިދަނީ. ކުރީގައި މިދެންނެވި ޓައިމް ޕީރައަޑަށް ހުރިހާ ސްޕެއާ ހުންނާނީ އައްޑޫގައި،" ނަޖާހު ވިދާޅުވި އެވެ. "އޭރު ވާހަކަ ދެކެވުނު ގޮތަށް އިތުރު ޖަނަރޭޓަރުތަކެއް އައްޑޫއަށް އެބަގެންދަން. ދެން އިތުރު ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަގެންދަން. އިތުރަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް މިފެށޭ ހަފްތާ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ."

ނަޖާހު ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން ދާއިމީ ހައްލެއް ހޯދުމަށް ބަލަންޖެހޭ ކަންކަން ބަލައި މިއަހަރުގެ ތެރޭގައި އެ ހައްލު ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޖާހް ވިދާޅުވީ އަލަށް އިތުރުވާ ދެ ޖަނަރޭޓަރާއެކު، މިހާރު ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. އަދި އޭގެ ފަހުން މިހާރު ހުރި އިންޖީނުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހަލާކުރެވިފައި ހުރި އެއްޗެއްސަށް ބޭނުންވާ ސްޕެއާ ވެސް އެބަހުރި. ދެން އިންޖީނުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ފައްޓާނަން. އަޅުގަނޑުމެން [އޯވާހޯލް] ކިޓްތައް ލިބޭ ވަރަކުން މި މަސައްކަތް ކުރަމުން ދާނީ،" ނަޖާހު ވިދާޅުވި އެވެ. "ރޯދަމަހަށް ޖަނަރޭޓަރުތަކެއް ޑައުންކޮށްފިއްޔާ ރައްޔިތުންނަށް ތަކުލީފުތަކެއް އައިސްދާނެ. އަޅުގަނޑުމެން މިބަލަނީ އާ ދެ ޖަނަރޭޓަރާއެކު ނުކަނޑާ މަސައްކަތް ކުރިއަށްގެންދެވޭ ގޮތަކަށް މިރާވަނީ. ޖަނަރޭޓަރު ލިބުނީމަ އެމަސައްކަތް ފަށާނަން."

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން 32 މެގަވޮޓްގެ ޕަވާ ހައުސްއެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ..