ޕްރޮސެކިއުޓަރު ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ ހިތްވަރެއް އެމްޑީޕީގެ މެމްބަރުން ކިބައިގައި ނުހުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޖީ އާއި އޭސީސީގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓް ނަގަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ހަބަރެއް ހިއްސާ ކުރައްވަމުން ސައީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އިންތިހާބު ކައިރިވުމުން އަރުވާ ސައިބޯނި ބޮކިތަކެއް ކަމަށާއި ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ ހިތްވަރެއް އެމްޑީޕީއަކު ނެތް ކަމަށެވެ.
ކޮވިޑު-19 ގެ އެންމެ ގޯސް ހާލަތުގައި ބޭނުން ކުރުމަށްޓަކައި ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ކޮރަޕްޝަން މައްސަލާގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް ނިންމެވުމުން، އެ ބޭފުޅާ ވަނީ ފެއިލްވެފައި ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.
މީގެ އިތުރުން ސައީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްތިއުފާން ދޭންވީ ޕީޖީ ޝަމީމް އެކަނި ނޫން ކަމަށާއި ސަރުކާރުގެ މުޅި ޓީމް އިިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު މުޅީން ވެސް ޖައްސަވަނީ "ސްޓަންޓް" ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މިހާރު ޖައްސަވާ "ސްޓަންޓް" ތަަކުން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށްވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.