ބަރަކާތްތެރި ރަމަޟާން މަސް އަހަރުމެންނާ ބައްދަލު ކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އެ މަސް ފާހަގަކުރާ ގޮތް ވަރަށް ތަފާތެވެ.
އަވަށްޓެރި އިންޑިއާގައި މުސްލިމް އާބާދީ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ސްރީނަގަރްގައި ވެސް މިހާރު ފެންނަނީ ކުރިއާ އަޅާބަލާއިރު މުޅިން ތަފާތު މަންޒަރުތަކެކެވެ.
ރޯދަ މަހަށް އަލިވިލުމާއެކު ސްރީނަގަރްގެ ރެސްޓޯރެންޓްތަކާއި ކެފެޓޭރިއާތަކަށް އޮންނަ ޑިމާންޑް ބޮޑުވެ އެވެ. ހާއްސަކޮށް އެ އަވަށުގެ އަމިއްލަވަންތަ ކެއުންތަކަށް އޮންނަ ޑިމާންޑެވެ.
ނަތީޖާއަކަށް ވަނީ އެފަދަ ވިޔަފާރިތަކުން ރޯދަ މަހަށް ހާއްސަ ކޮށްގެން އިފްތާރު ޕެކޭޖް ޑީލްތައް އާއްމު ކުރުމެވެ. މި ޕެކޭޖްތަކުގައި ރޯދަ ވީއްލުމަށް ބޭނުންވާ އާއްމު ހުރިހާ ބާވަތެއް އެކުލެވެ އެވެ.
ސްރީނަގަރުގެ ރެސްޓޯރެންޓެއް ހިންގާ ވިޔަފާރިވެރިޔަކު ބުނީ ރޯދަ މަހަށް ހާއްސަ އިފްތާރު ޕެކޭޖްތަކަކީ މި ފަހަކަށް އައިސް ވައިގައި ހިފާފައިވާ ޓްރެންޑެއް ކަމަށެވެ.
މިފަދަ ޕެެކޭޖުތައް އެންމެ ގިނައިން ފެނިގެންދަނީ ސްރީނަގަރްގެ މަގުތަކުގައި ކޮންމެ ދުވަހަކު ބާއްވާ އާއްމު ރޯދަ ވީއްލުން ތަކުންނެވެ.
މި ރޯދަ ވީއްލުންތަކަކީ ރޯދަ މަހުގެ އުފާ ހިއްސާކޮށް އިޖުތިމާއީ ގުޅުން ބަދަހި ކޮށްދޭ ކަމެއްގެ ގޮތުގައި އެ ސިޓީގެ އާއްމުން ސިފަކުރާއިރު ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު އެ ރޯދަ ވީއްލުންތަކުގައި ބައިވެރިވެ އެވެ.
ސްރީނަގަރުގެ ޖަމާއަތް ރޯދަ ވީއްލުންތަކުން ރަމަޟާން މަހުގެ ރޫހާނިއްޔަތު ވަރަށް ބޮޑަށް ސިފަވާ ކަމަށް އެ ރޯދަ ވީއްލުންތަކުގައި ބައިވެރިވާ މީހުން ބުނެ އެވެ.