ރަމަޟާން މަހަކީ އާއިލީ ގުޅުންތަކާއި އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަށް އޮތް ރަނުގެ ފުރުސަތެކެވެ. މި މަގްސަދުގައި އަވަށް ފެންވަރުގައާއި ސިޓީ ފެންވަރުގެ އިތުރުން ގައުމީ ފެންވަރުގައި ވެސް ރޯދަ ވީއްލުންތައް ބޭއްވުމަކީ ރާއްޖޭއާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެންނަ ސަގާފަތެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަމާއަތުގައި ރޯދަ ވީއްލުންތައް ބޭއްވުމަކީ އާއްމު ކަމަކަށް ވާއިރު މި ރޯދަ ވީއްލުންތަކަކީ ނިސްބަތުން ބޮޑު ރޯދަވީއްލުންތަކެކެވެ.

އެގޮތުން ދުނިޔޭގެ ތާރީހުގައި މިހާތަނަށް އެންމެ ދިގު ރޯދަ ވީއްލުމުގެ ސުފުރާ ނުވަތަ "އިފްތާރު ޓޭބަލް" ތައްޔާރު ކުރުމުގެ ރެކޯޑު އޮތީ މިސްރުގެ ވެރިރަށް ގާހިރާ އަށެވެ.

ދުނިޔޭގެ އެންމެ ދިގު ރޯދަ ސުފުރާ ތައްޔާރު ކުރެވުނީ މިސްރުގެ ގާހިރާގައި

2019 ވަނަ އަހަރުގެ ރަމަޟާން މަހު ގާހިރާގައި އޮތް އެ ރޯދަ ވީއްލުމުގައި 3189.83 މީޓަރުގެ ދިގު މޭޒެއް ތައްޔާރު ކުރެވުނެވެ. ތިން ކިލޯމީޓަރުގެ ސަރަަހައްދަކަށް ފެތުރުނު އެ މޭޒު އެކި ވައްތަރުގެ ކާބޯތަކެތިން ފުރާލެވުނެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ އެ ރޯދަ ވީއްލުމުގައި 7000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެް

އެތައް ހަފްތާއެއްގެ ރޭވުމާއި ގިނަ ބައެއްގެ އެހީތެރިކަމާއެކު ބޭއްވުނު އެ ރޯދަ ވީއްލުމަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ.

މިސްރުގެ އިދާރާތަކުން ބުނާ ގޮތުގައި ދުނިޔޭގެ ރެކޯޑެއް ގާއިމު ކުރުމަކީ އެމީހުންގެ މަގްސަދަކަށް ނުވި ނަމަވެސް އެއީ އެކަމުގެ އުފާ އިތުރަށް ބޮޑުކޮށްދިން ކަމެކެވެ.