ދަންވަރުގެ ހަމަހިމޭން ކަމުގެ ތެރެއިން ދަންބެރުގެ އަޑު މުޅި ތުރުކީގައި ގުގުމާލަ އެވެ. ރޯދަވެރިންގެ ދުވަހުގެ އެންމެ މުހިއްމު ކެއުމަށް ނިދިން ހޭލައްވަ އެވެ.
ކޮންމެ އަހަރަކު ވެސް ރަމަޟާން މަސް ފެށުމާއެކު ތުރުކީ ވިލާތުގެ ޒަމާންވީ މި ސަގާފަތް އަލުން ދިރުމަށް އާދެ އެވެ. ރޯދަވެރިން ހާރުދަމަށް ހޭލެއްވުމަކީ ބެރުވެރިންގެ ޒިންމާއަކަށްވެ އެވެ.
"މިއީ އަންނަން އޮތް ޖީލުތަކަށް ދިރުވަން އަހަރުމެން މަސައްކަތްކުރާ އެތައް ޒަމާންތަކެއް ވީ ސަގާފަތެއް" ދަންބެރުގެ ޑިއުޓީއަށް ނުކުތުމުގެ ކުރިން އެމީރު ކޮސަން ބުންޏެވެ.
ތުރުކީގައި މިއަދާ ހަމައަށް އޮތް ދަންބެރުގެ ސަގާފަތް ފެށިގެން އައީ އުސްމާނީ ވެރިކަމުގެ ދުވަސްވަރު ކަމަށް އެގައުމުގެ ފަތްފުށްތަކުން ދައްކަ އެވެ.
އެ ދުވަސްވަރު އެލާމް ގަޑިއަކީ ހަމައެކަނި ފޯރާ މުއްސަނދިންނަށް އޮތް ނަސީބަކަށް ވާއިރު ދަންބެރަކީ އާއްމު ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުން ފެށިގެން އައި ކަމެކެވެ.
އެގޮތުން އެ ވެރިކަމުގެ އެންމެ ފާހަގަ ކޮށްލެވޭ ހެދުންތަކުގައި ބެރުވެރިން ބެރު ޖަހަމުން ތުރުކީގެ މަގުތަކުގައި ހިނގައި އާއްމުން ހާރުކާން ހޭލިކަން ޔަގީން ކުރެ އެވެ.
އޭގެ އެތައް ގަރުނެއް ފަހުން މިއަދުވެސް ތުރުކީއިން ފެންނަނީ ހަމަ އެ މަންޒަރެވެ. ޒަމާނާއެކު ސަގާފަތާއި އާދަކާދަތައް ބަދަލުވީ ނަމަވެސް ތުރުކީގެ ދަންބެރު އޮތީ ހަމަ އެގޮތުގަ އެވެ.
ދަންބެރުގެ ގިނަ ބެރުވެރީންނަކީ ޒަމާންތަކެއް ވަންދެން އެ ސަގާފަތުގައި އުޅުނު އާއިލާތަކުގެ މެމްބަރުންނެވެ. އެއާއެކު މަދުން ނަމަވެސް މިއުޒިކް ފަންނާނުން އެކަމުގައި ހަރަކާތްތެރިވެ އެވެ.
ތުރުކީގެ ދަންބެރަކީ އެގައުމުގެ ސަގާފަތުގެ މުހިއްމު ބަޔަކަށް ވީ ނަމަވެސް ފަހަކަށް އައިސް އެކަމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން އެމީރު ފާހަގަކުރި އެވެ.
"ބައެއް މީހުން އަހަރެން ގާތުގައި އެދޭނެ އެމީހުންގެ ގެ ކައިރިން ދާއިރު ބެރު ނުޖަހަން. އޭގެ އަޑު ގަދަކަމުން" އެމީރު ބުންޏެވެ.
ކޮންމެ އަކަސް ދަންބެރު ވެފައިވަނީ ހަމައެކަނި ހާރުދަމުގެ ގޮވުމަކަށް ނޫނެވެ. އެއީ ރަމަޟާން މަހުގެ ރޫހާއި އިޖުތިމާއީ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ތުރުކީގެ ރައްޔިތުން ގަބޫލު ކުރެ އެވެ.
ހާރުދަމަށް މީހުން ހޭލައްވަން ދަންބެރު ޖެހުމަކީ ދިވެހި ރާއްޖޭގައި ވެސް ވަރަށް ފަހަކާ ޖެހެންދެން ކުރެވުނު ކަމަކަށް ވީ ނަމަވެސް މިއަދު އެ ސަގާފަތް ވަނީ މާޒީއާ އެކުވެ އަހަރުމެންނަށް ގެއްލިފަ އެވެ.