އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރެއް ކަމަށްވާ ވިންޑްސޯ ކާސަލްގެ 1000 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހުގައި ފުރަތަމަ ފަހަރަށް އާއްމުކޮށް ހުުޅުވާލައިގެން ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
މާޗް މަހުގެ ތިންވަނަ ދުވަހު ބޭއްވި އެ ރޯދަ ވީއްލުމުގައި ވިންޑްސޯ ކާސަލްގެ ސްޓޭޓް އެޕާޓްމަންޓްތަކުގައި ދިރިއުޅޭ 350 އަށްވުރެ ގިނަ މުސްލިމުން ބައިވެރިވެފައިވެ އެވެ.
ސެއިންޓް ޖޯޖް ހޯލްގައި ބޭއްވި އެ ރޯދަ ވީއްލުމަކީ މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކޮށް އާއްމު މަސްލަހަތު ރަނގަޅު ކުރުމުގެ ބޭނުމުގައި ބޭއްވި ރޯދަ ވީއްލުމެއް ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ރޯދަ ވީއްލުމުގައި ބައިވެރިވި މީހުން ބުނި ގޮތުގައި އެ ހަފްލާއަކީ މުޅިން ތަފާތު އިހުސާސްތަކެއް ކުރުވި އިޖުތިމާއީ ހަމަޖެހުން ފެނިގެންދިޔަ ހަފްލާ އެކެވެ.
"ޚުދު ރަސްގެފާނުގެ ފަރާތްޕުޅުން ރޯދަ ވީއްލުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް" ރޯދަ ވީއްލުމުގައި ބައިވެރިވި އަންހެނަކު ބުންޏެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސް ތިންވަނައަކީ އެކި ދީންތަކުގެ މީހުންނަށް އިންސާފުވެރިކަމާއެކު ކަންތައް ކުރައްވަން އިސްކަން ދޭ ރަސްކަލެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
އިނގިރޭސި ވިލާތަކީ އެގައުމުގެ އެކި ސަރަހައްދުތަކުގައި އާއްމުކޮށް ހުޅުވާލައިގެން ކޮމިއުނިޓީ އިފްތާރުތައް ވެސް ވަރަށް ގިނައިން ބާއްވާ ގައުމެކެވެ.