ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޮނާކްޝީ ސިންހާގެ ފިރިމީހާ ޒަހީރު އިގްބާލްއަށް ފާޑުކިޔަމުން އަންނަ މީހުންނަށް ސޮނާކްޝީ ހޫނު ރައްދެއް ދީފި އެވެ.

އާއްމުން ޒަހީރުއަށް ފާޑު ކިޔަން ފަށާފައިވަނީ ހިންދޫން ފާހަގަކުރާ އީދެއް ކަމަށްވާ ހޮލީ ކުޅުމުގައި އޭނާ ސޮނާކްޝީއާއެކު ބައިވެރި ނުވުމުންނެވެ.

ހޮލީއާ ގުޅިގެން ސޮނާކްޝީ އޭނާގެ އިންސްޓަގްރާމަށް ބައެއް ފޮޓޯތައް ހިއްސާކޮށްފައިވާއިރު އެއިން އެއްވެސް ފޮޓޯއެއްގައި ޒަހީރުއެއް ނުފެނެ އެވެ.

ނަތީޖާއަކަށްވީ އިސާހިތަކު ގިނަ މީހުން ޒަހީރުއަށް ފާޑުކިޔަން ފެށުމެވެ. އެއާއެކު ކުރިއަށް މި ހިނގާ ރަމަޟާން މަހާ ގުޅުވައިގެން ވެސް މީހުން ޒަހީރުއަށް ފުރައްސާރަ ކުރަން ފެށި އެވެ.

އެންމެ ފަހުން އެ ފާޑުކިޔުންތަކަށް ރައްދުދެމުން ސޮނާކްޝީ ބުނެފައިވަނީ އެ ފޮޓޯތަކުގައި ޒަހީރު ފެންނަން ނެތީ އޭނާ މިވަގުތު ކައިރީގައި ނެތުމުން ކަމަށެވެ.

"ކޮމެންޓްތަކުގައި ކުޑަކޮށް ހަމަޖެހިލާ! ޒަހީރު ހުރީ މުމްބާއީގައި، އަހަރެން މިހުރީ ޝޫޓިންއެއްގަ ރަށުން ބޭރުގަ. ބޮލަށް ފިނި ފެން ފޮދެއް އަޅާލާ" ސޮނާކްޝީ އޭނާގެ ޕޯސްޓްގެ ކެޕްޝަން އެޑިޓްގައި ބުނެފައިވެ އެވެ.

ގާތްގަނޑަކަށް ހަތް އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ސޮނާކްޝީއާއި ޒަހީރު ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.