ޖައުސާ ޖައުފަރު އީސާ އާދަމްގެ ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ތަން ހަވާލުކުރަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
"ދަ ގާޑެންސް"ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި 2017 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓް ނިންމުމަށް އެކި ފަހަރު މަތިން އިތުރު މުއްދަތު ދިނުމަށްފަހު، އެންމެ ފަހުގެ ގާނޫނީ ނޯޓިސްއެއް ޖާހު އިންވެސްޓްމަންޓަށް ފޮނުވީ މިދިޔަ ޖެނުއަރީ27 ގަ އެވެ. މި ނޯޓިސްގައި 45 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އެ މުއްދަތުގައި ވެސް މަސައްކަތް ނުނިންމުމުން މިއަދު ވަނީ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އަންގާފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ އެޕާޓްމަންޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގަ އެވެ. އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ގޮތުގެ މައުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.