މާތް ﷲ އިރާދަ ކުރެއްވި ކޮންމެ އަޅަކަށް މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ދެއްވަ އެވެ. މާޒީގައި ކިތަންމެ ބޮޑަށް މަގު ފުރެދިފައިވީ ނަމަވެސް މެއެވެ.
އެމެރިކާގެ ހުޅަނގު ކެލިފޯނިއާއަށް އުފަން ޑެއިޒީއަކީ ވެސް ހައިރާން ކުރުވަނިވި ގޮތަކަށް އިސްލާމް ދީނުގެ ހިދާޔަތު ލިބިގެންދިޔަ އުޚްތެކެވެ.
އޭނާއަކީ އެންމެ ތުއްތު އިރުއްސުރެ ނަސާރާއެއްގެ ގޮތުގައި އުޅެ ބޮޑުވީ މީހެކެވެ. ޅަފަތުގެ ހަޔާތް އޭނާ ސިފަކުރަނީ ފައްޅީގެ ދިރިއުޅުމެއްގެ ގޮތުގަ އެވެ.
ނަސާރާ ދީނަށް ތަބާވާ ދީނީ އާއިލާއަކަށް ނިސްބަތްވީތީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރީ އެ ދީން އުނގެނުމާއި ފެތުރުމުގަ އެވެ. އެންމެ ގާތް ރަހުމަތްތެރިންނަށްވީ ފައްޅީގެ މުވައްޒަފުންނާއި ދީން ފަތުރާ މީހުންނެވެ.
އެގޮތުގައި ދިރިއުޅުން ހޭދަކުރަމުން ދަނިކޮށް ސައޫދީ އަރަބިއާގައި ހުންނަ އެމެރިކާގެ އެމްބަސީގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ޑެއިޒީއަށް ލިބުނެވެ. އެ ފުރުސަތުގެ ބޭނުން އޭނާ ހިފީ ސައޫދީ އަރަބިއާގައި ނަސާރާ ދީން ފެތުރުމަށެވެ.
"ފައްޅީގައި އަހަރެންގެ ބޮޑަށް ތިބި މީހުން ބުނީ ދީން ފަތުރަން މި ފުރުސަތުގެ ބޭނުން ހިފާށޭ. ސައޫދީ އަރަބިއާއަކީ އަހަރުމެންނަށް (ނަސާރާއިންނަށް) ނުވަދެވި އޮތް ތަނެކޭ" ޑެއިޒީ ބުންޏެވެ.
ޑެއިޒީ ބުނީ އޭނާ ސައޫދީ އަރަބިއާއަށް ދިޔައީ "ބައިބަލް"އެއް ހިފައިގެން ނަސާރާ ދީނަށް މީހުން ވެއްދުމަށެވެ. އެހެން ނަމަވެސް އެ ދަތުރު ވެގެންދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ދަތުރަކަށެވެ.
ސައޫދީ އަރަބިއާގެ ހަޔާތް ސިފަކޮށްދެމުން ޑެއިޒީ ބުނީ އެ ބިމުގައި ބުނެދޭން ނޭނގޭ ކަހަލަ ބާރެއް ވާކަން އިހުސާސްވި ކަމަށާއި އެކަން އޭނާގެ އާއިލާއާ ހިއްސާކުރި ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ވަށައިގެން އިވޭ ބަންގީގެ އަޑު ވެގެންދިޔައީ އިސްލާމް ދީނަށް އޭނާގެ ލޯ ހުޅުވައިދިން ކަމަކަށެވެ. އެ މުއްދަތުގައި އޭނާ އިސްލާމް ދީނާ ބެހޭގޮތުން ހޯދާ ދިރާސާކުރިއިރު ނާސާރާ ދީނުގައި ޖަވާބު ލިބިފައިނުވާ އެތައް ސުވާލަކަށް ޖަވާބު ލިބުނެވެ.
"އަހަރެން ގައުމަށް އެނބުރި ދިޔައީ ނަސާރާއެއްގެ ގޮތުގައި. އެކަމަކު އެއްވެސް ކަމެއް އެއްގޮތެއް ނޫން." އެނބުރި ދިޔައިރު އޭނާގެ ހިތް އިސްލާމް ދީނަށް އެނބުރިފައިވާކަން ހާމަކޮށްދެމުން ޑެއިޒީ ބުންޏެވެ.
އެ ތަޖުރިބާ އޭނާގެ އާއިލާއާ ހިއްސާ ކުރުމުން އާއިލާއިން އޭނާއަށް މަޖުބޫރު ކުރުވީ ނާސާރާ ދީނުގެ ކަންކަމުގައި އިތުރަށް އުޅޭށެވެ. އެހެން ނަމަވެސް އެ އުޅުމުގައި ވެސް އޭނާއަށް އިތުރަށް ސާބިތުވީ އިސްލާމް ދީނަކީ ހައްގު ތެދު ކަމެވެ.
ޑެއިޒީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އިސްލާމްވީ އޭނާގެ ގައުމަށް އެނބުރި ދިޔަތާ ހަތް އަހަރު ފަހުންނެވެ. ފައްޅީގައި އޭނާއާއެކު މަސައްކަތްކުރި އެންމެ ގާތް ބޮޑުންގެ ވެސް ލަފާއާއެކުގަ އެވެ.
ޑެއިޒީއަށް ޖުމްލަ ހަތަރު ދަރިން ލިބުނުއިރު އޭނާގެ ފުރަތަމަ ދެ ދަރިން ބޮޑުކުރީ ނަސާރާއިންގެ ގޮތުގަ އެވެ. އެހެން ނަމަވެސް ހަގު ދެ ދަރިންގެ އަޚްލާގް ފެނި ދޮށީ އަންހެން ދަރިފުޅު ވެސް އިސްލާމްވުމަކީ ޑެއިޒީއަށް ލިބުނު އުފަލެކެވެ.
ޑެއިޒީ ބުނާ ގޮތުގައި އިސްލާމް ދީނަކީ ނަސާރާ ދީނާ ހިލާފަށް ސުވާލު ކުރަން ބާރުއަޅާ ދީނެކެވެ. ނަސާރާ ދީނުގައި ޖަވާބުތަކެއް ނެތި ކަންކަން ގަބޫލު ކުރަން އޮންނައިރު އިސްލާމް ދީނުގައި ކަމެއް އަންގަވާފައިވަނީ އެކަމުގެ ހެއްކާއި ދަލީލާއެކު ކަމަށް އޭނާ ބުންޏެވެ.
ޑެއިޒީ އިސްލާމްވި ފަހުން 20 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު އޭނާ ގަބޫލުކުރާ ގޮތުގައި އިސްލާމް ވުމަކީ ނަސާރާ ދީނުން ދުރުވުމެއް ނޫނެވެ. އެއީ އެ ދީނުގައި އޮތް ބާތިލު ކަންތައްތައް އެއްފަރާތް ކޮށް ހައްގު ތެދު ގަބޫލު ކުރުމެވެ.