އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ، ޣައްޒާއަށް ގިނަ ހަމަލާތަކެއް ދީ 200އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
މިއަދު ފަތިހު ޣައްޒާގެ އެކި ސަރަހައްދު ތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 232 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި 77 މީހުންނާއި އުތުރުގެ ޣައްޒާ ސިޓީގައި 20 މީހުން ހިމެނެ އެވެ. އިޒްރޭލުގެ ހަމަލާތައް މެދު ސަރަހައްދުގެ ދެއިރު އަލް-ބަލަޙްއާއި ދެކުނުގެ ރަފާޙްގެ ސަރަހައްދުތަކަށްވެސް އަމާޒުވެފައިވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިޒްރޭލުގެ ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމަށް ނުވަތަ ހަނގުރާމަ ހުއްޓުން އިތުރަށް ދިގުދެމިގެންދިއުމަށް ހުށަހެޅުނު ހުށަހެޅުންތަކަށް އެއްބަސްވުމަށް ހަމާސްއިން އިންކާރުކުރުމާ ގުޅިގެން ހަމާސްއާ ދެކޮޅަށް "ވަރުގަދަ ފިޔަވަޅު" އެޅުމަށް އޭނާ ސިފައިންނަށް އަމުރުކުރެއްވި ކަމަށެވެ.
އިޒްރޭލު އަސްކަރިއްޔާގެ ފަރާތުން ޓެލެގްރާމްގައި ބުނެފައިވަނީ ހަމާސްއަށް ނިސްބަތްވާ "ޓެރަރިސްޓް އަމާޒުތަކަށް" ފުޅާ ދާއިރާއެއްގައި ހަމަލާދެމުންދާ ކަމަށެވެ.
ހަމާސްއިން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާތައް ބަލަނީ ޖެނުއަރީ 19 ގައި ފެށުނު ހަނގުރާމަ ހުއްޓުން އެއްފަރާތުން އުވާލުމުގެ ގޮތުގައި ކަމަށެވެ.
ނަތަންޔާހޫ އާއި އޭނާގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ބާޠިލުކުރުމަށް ނިންމައި، ޣައްޒާގައި ތިބި ބަންދީންގެ ކަންތައް ވާނުވާ ނޭނގޭ ހާލަތަކަށް ހުށަހަޅައިފި ކަމަށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ ހަމަލާތައް އަމާޒުވެފައިވަނީ މީހުން ދިރިއުޅޭ ތޮއްޖެހިފައިވާ ސަރަހައްދުތަކާއި، ވަގުތީ ސްކޫލުތަކާއި، މީހުން ހިމާޔަތަށް އެދި ވަދެތިބި ރިހާބިލިޓޭޝަން ޢިމާރާތްތަކަށް ކަމަށެވެ.
އިޒްރޭލު - ހަމާސް ހަނގުރާމަ ހުއްޓުމުގެ މަޝްވަރާތައް ހުއްޓިފައި
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް، އެއީ ބާކީ އޮތް 60 ބަންދީން ދޫކޮށްލުމާއި ދާއިމީ ހަނގުރާމަ ހުއްޓުމެއް ޤާއިމުކުރުމަށް ކުރެވޭ މަޝްވަރާތައް، ވަނީ ހުއްޓިފަ އެވެ. މިއީ އިޒްރޭލުން ފުރަތަމަ ފިޔަވަހި އޭޕްރީލް މެދާ ހަމައަށް އިތުރުކުރުމަށް އެދެމުންދާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމަ ހުއްޓުން ފެށުނީއްސުރެ ހަމާސްއިން ވަނީ ގާތްގަނޑަކަޑަކަށް 36 ބަންދީން ދޫކޮށްލާފަ އެވެ. އަދި އޭގެ ބަދަލުގައި 2،000 އާ ގާތްކުރާ އަދަދެއްގެ ފަލަސްޠީނު ބަންދީން ދޫކޮށްލާފައިވެ އެވެ.
އިޒްރޭލުން ސާފުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ނުބުނިނަމަވެސް، އިސް އޮފިޝަލުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
އިޒްރޭލުން ވަނީ ޣައްޒާގައި ހުރި ހަމާސްގެ އަމާޒުތަކަށް ހަމަލާދޭން ފަށާފަ އެވެ.
އިޒްރޭލުން މަޝްވަރާކުރާ ފަރާތްތަކުން ހުށަހެޅި އެކި ހުށަހެޅުންތައް ހަމާސްއިން ބަލައިނުގަތް ކަމަށް ތުހުމަތުކުރި ނަމަވެސް، މަޝްވަރާތައް ހުއްޓިފައިވަނީ ފެބްރުއަރީ 6 ގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ނަތަންޔާހޫ އިންކާރުކުރުމާ ގުޅިގެންނެވެ.