ޒަމާނާއެކު ރޯދަ މަހުގެ ސަގާފަތްތަކަށް އަންނަ ބަދަލުތަކުގެ ތެރެއިން ރޯދަ ވީއްލުމަށްޓަކައި ރެސްޓޯރެންޓްތަކަށް ދިއުމަކީ މިފަހަކަށް އައިސް އަހަރުމެންގެ ތެރޭގައި އާއްމުވެފައިވާ ކަމެކެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު ރަމަޟާން މަހުގެ ރޯދަ ވީއްލުމަކީ އަމިއްލަ ގޭގައި ހޭދަކުރަން ބޭނުންވާ ގަޑި އެކެވެ. އެހެން ތަނަކުން ލިބޭ ކެއުމެއް ގޭގައި ކައްކާ ކެއްކުންތަކާ އެއްވަރު ނުވާތީ އެވެ.

އެހެން ނަމަވެސް ޒަމާން ބަދަލުވެ ރެސްޓޯރެންޓްތަކަށް ރޯދަ ވީއްލަން ދިއުމަކީ މިއަދު އަހަރުމެންގެ ތެރޭގައި ރޯދަ މަހުގެ "ޓްރެންޑް"އަކަށް ވެއްޖެ އެވެ.

އެގޮތުން ރައްޓެހި ރަހުމަތްތެރިންނާއި އާއިލާގެ ބޮޑު ރޯދަ ވީއްލުމަށް ވެސް ގިނަ ބަޔަކަށް މިހާރު ހިޔާރު ކުރެވެނީ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލުމެވެ.

ވާނީ ވެސް އެހެންތާ އެވެ. ގިނަ ބަޔަކަށް ގޭގައި ރޯދަ ވީއްލުމެއް ތައްޔާރު ކުރުމަކީ އުނދަގޫ ކަމެކެވެ. އޭގެ ބަދަލުގައި ރެސްޓޯރެންޓަކަށް ދިއުން މާ ފަސޭހަ އެވެ.

އެއާއެކު ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ވެސް އެކި ރެސްޓޯރެންޓްތަކުން ތަފާތު އިފްތާރު މެނޫތައް ތައްޔާރު ކުރުމެވެ. އެކި އުމުރުފުރާގެ މީހުންނަށް ކަމުދާނެ އައިޓަމްސް ހިމަނައިގެން އެންމެ ފުރިހަމަ މެނޫއެއް ގެނެސްދޭން ކޮންމެ ރެސްޓޯރެންޓަކުން ވެސް މަސައްކަތް ކުރެ އެވެ.

މި ސަގާފަތުގެ މަތިން މިއަހަރުގެ ރޯދަ މަހު ވެސް ރެސްޓޯރެންޓްތަކުގެ ވިޔަފާރި ވަރަށް ތިޔާގި ކަމަށް ބުނެވިދާނެ އެވެ. ގިނަ ރެސްޓޯރެންޓްތައް ރޯދަ ވީއްލާ ގަޑީގައި އޮންނަނީ ފުރިފަ އެވެ.