މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމަށްވާ މަދީނާގެ މަސްޖިދުއް ނަބަވީގައި އޭއައި މެޑިކަލް ކެޕްސޫލްގެ ޚިދުމަތް ފަށައިފި އެވެ.
މަދީނާގެ ހެލްތު ކްލަސްޓާއިން މަސްޖިދުއް ނަބަވީގައި ތައާރަޕްކުރި ދެ ކެޕްސޫލްއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އޮޕަރޭޓްކުރާ ދެ ކެޕްސޫލް އެވެ.
މި ކެޕްސޫލްއާއެކު އެ މިސްކިތަށް އަޅުކަމަށް ޒިއާރަތްކުރާ ހައްޖުވެރިންނާއި އުމްރާވެރިންނަށް ސިއްހީ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ކަށަވަރު ކޮށްދީ ސިއްހީ ރައްކާތެރިކަން ލިބިގެންދާނެ އެވެ.
ސޭހާ ވާޗުއަލް ހޮސްޕިޓަލްއާ ގުޅިގެން ތައާރަފްކުރި މި ކެޕްސޫލްތަކުގައި ތަފާތު ޓެސްޓުތައް ކުރެވޭއިރު ދާއިމީ ބަލިތައް ދެނެގަނެވޭނެ ކަމަށް ވެސް ސައޫދީގެ ނޫސްތަކުން ބުނެ އެވެ.
ތަމްރީނު ލިބިގެން ތިބި ސިއްހީ އޮފިޝަލުން އޮޕަރޭޓްކުރާ މި ކެޕްސޫލުތަކަށް ކޮންމެ ދުވަހަކު 576 ބަލިމީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން ލިބިގެންވެ އެވެ.
މަސްޖިދުއް ނަބަވީ މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމްގެ ތެރެއިން ދެވަނަ ހަރަމަށްވާއިރު ކޮންމެ އަހަރަކު ވެސް އެތައް ހާސް މުސްލިމުންނެއް އެ މިސްކިތަށް ޒިއާރަތް ކުރެ އެވެ.