މިދިޔަ އަހަރުން ފެށިގެން ކަރަންޓު ބިލް އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކުރަމުންދަނިކޮށް ސްޓެލްކޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 137.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ފަހުމީ ހިއްސާކުރި ޕޯސްޓެއްގައި ފާއިތުވި ހަތް އަހަރު ސްޓެލްކޯއިން ހޯދި ފައިދާގެ ތަފާސްހިސާބުތައް ވަނީ ހިއްސާކޮށްފަ އެވެ.
ސަރުކާރުގެ މައި ކަރަންޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ސްޓެލްކޯގެ ފައިދާ ވަނީ އިތުރުވެފަ އެވެ. އެގޮތުން 2018 ވަނަ އަހަރު އެ ކުންފުންޏަށް 105 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، 2020 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 130 މިލިއަން ރުފިޔާ އެވެ. އަދި މިއީ 23.8 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އއެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ސްޓެލްކޯ އިން ބުނީ 2020 ވަނަ އަހަރާ ހަމައަށް ސްޓެލްކޯއަށް ލިބުނު ފައިދާ އިތުރުވެފައިވީ ނަމަވެސް 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައިވާ ފައިދާ ވަނީ 19.5 ޕަސެންޓް ދަށްވެފަ އެވެ. އެ އަހަރު ސްޓެލްކޯއަށް 104.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ސްޓެލްކޯއަށް 106.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވީ ނަމަވެސް ޖެހިގެން އައި 2023 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 171.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އޭގެ އިތުރުން 2023 ވަނަ އަހަރު ލިބުނު ގެއްލުމުން އަރައިގަނެ، މިދިޔަ 137.9 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މިއީ 180.2 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ފާއިތުވި ހަތް އަހަރަށް ބަލާލާއިރު، 2024 ވަނަ އަހަރަކީ ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައި ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވެފައި ވަނީ އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއެކު އިސްރާފުކުރުން ކުޑަކޮށް، ލިބިފައިވާ ވަސީލަތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ބޭނުންކުރެވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބުނު ކަމަށް އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ އަސާސީ ހިދުމަތް ދޭ ކުންފުންޏަކުން ބޮޑު ފައިދާއެއް ހޯދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ވީނުވީއެއް ނޭނގި މިދިޔަ އަހަރުން ފެށިގެން ކަރަންޓު ބިލު މިވަނީ އެތައް ގުނައެއް ބޮޑުވެފައި. ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިއޭ ސްޓެލްކޯ އިން ބުނާއިރު މި ބޭނުންކުރަނީ އެކައްޗެއް. މީގެ ކުރިން މިހެން ބިލެއް ބޮޑެއް ނުވޭ،" މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.