އަބޫދާބީއަށް ޒިއާރަތްކުރާ ކޮންމެ ފަތުރުވެރިޔަކު ވެސް އެތަނަށް ނުގޮސް ދަތުރު ނިންމައެއް ނުލަ އެވެ. މުސްލިމެއް ޣައިރު މުސްލިމެއް ތަފާތު ކުރުމެއް ނެތެވެ. އެއީ އަބޫދާބީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ބިނާ ކަމަށްވާ ޝެއިހް ޒައިދު ގްރޭންޑް މޮސްކް އެވެ.

އެތައް ހާސް މޭލު ދުރަށް ރީތި ގަނޑުވަރެއްގެ ގޮތުގައި ހުދު ކުލައިން ސިފަވާ އެ މިސްކިތަކީ ދުނިޔޭގައި އަޅުކަން ކުރަން އިމާރާތް ކޮށްފައިވާ ތަންތަނުގެ ތެރެއިން އެންމެ ރީތި އެއް ތަނުގެ ގޮތުގައި ލިސްޓުތަކަށް އަރާފައިވާ މިސްކިތެކެވެ.

ޝެއިޚް ޒައިދު ގްރޭންޑް މޮސްކް

1996 ވަނަ އަހަރު އިމާރާތް ކުރަން ފެށި ޝެއިހް ޒައިދު ގްރޭންޑް މޮސްކްގެ މަސައްކަތް އޭގެ 12 އަހަރު ފަހުން އެއްކޮށް ނިންމާލެވުނުއިރު އެކަމަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ހޭދަވި އެވެ.

38 ޑިޒައިނަރުންނާއި 38 ކޮންސްޓަރަކްޝަން ކުންފުނި ގުޅިގެން އިމާރާތްކުރި ޝެއިހް ޒައިދު ގްރޭންޑް މޮސްކް މިއަދުގެ ދުނިޔޭގައި އިމާރާތް ކުރުމުގެ ދާއިރާއިން ފެނުނު އަޖާއިބެއްގެ ގޮތުގައި މާހިރުން ސިފަކުރެ އެވެ.

ޖުމްލަ 40،000 މީހުންގެ ޖާގައިގެ އެ މިސްކިތަކީ މިއަދު ވެސް އަބޫދާބީގައި އެންމެ ގިނަ މީހުން އަޅުކަން ކުރަން ދާ މިސްކިތެވެ. ހާއްސަކޮށް ރަމަޟާން މަހު އެ މިސްކިތަށް ދާ މުސްލިމުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެވެ.

ޝެއިޚް ޒައިދު ގްރޭންޑް މޮސްކް

ޝެއިހް ޒައިދު ގްރޭންޑް މޮސްކްއަށް ދުނިޔޭގެ ރެކޯޑު ފޮތުން ތިން ރެކޯޑެއްގެ ޝަރަފު ލިބިފައިވެ އެވެ. އެއީ އަތުން ވިޔެފައިވާ އެންމެ ބޮޑު ކާޕެޓްގެ ރެކޯޑާއި އެންމެ ބޮޑު ގުއްބުގެ އިތުރުން ސީލިންގްގައި ހަރުކޮށްފައިވާ އެންމެ ބޮޑު ބައްތީގެ ރެކޯޑެވެ.

ކިރު ހުދު ކުލައިން ފެންނަ 82 ގުއްބާއި ޖަވާހިރާއި މުތީގެ ފާރުތަކާއި ތަނބުތަކުން ޒީނަތްތެރި ކުރެވިފައިވާ މިސްކިތުގެ އެތެރއަކީ އެ މިސްކިތަށް އަހަރަކު 4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިއާރަތްކުރާ އެއް ސަބަބެވެ.

މިސްކިތުގެ ސިފަތަކުގެ އިތުރުން އެތަނުގައިވާ ރޫހާނީ ބާރަކީ ވެސް އެ މިސްކިތަށް ޒިއާރަތްކުރާ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. އެގޮތުން އެ މިސްކިތަށް ދިއުމުން ނަފްސާނީ ހިތްހަމަޖެހުމާއި ރޫހާނީ އުފާވެރިކަން ލިބޭ ކަމަށް އެތަނަށް ދިޔަ މީހުން ބުނެފައިވެ އެވެ.

ޔޫއޭއީގެ އެންމެ ފުރަތަމަ ރައީސް ޝެއިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ނަމަށް ނަން ދެވިފައިވާ އެ މިސްކިތަކީ އަބޫދާބީއަށް ޒިއާރަތްކުރާ މަޝްހޫރު ޝަހްސިއްޔަތުން ވެސް އެތަނަކަށް ދާ ތަނެކެވެ.

ޝެއިޚް ޒައިދު ގްރޭންޑް މޮސްކް

އެގޮތުން އެ މިސްކިތުގެ ވަކި ސަރަހައްދުތަކެއްގައި ފޮޓޯ ނެގުމުގެ ހުއްދަ ދެވިފައިވާއިރު އެ ސަރަހައްދުތަކުގައި ފޮޓޯ ނެގުމަކީ ވެސް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ.

ޝެއިހް ޒައިދު ގްރޭންޑް މޮސްކްއަށް ޒިއާރަތްކޮށް އެ މިސްކިތުގައި ނަމާދެއް ކޮށްލައި ފޮޓޯ ނެގުމަކީ ގިނަ މުސްލިމުންގެ "ބަކެޓް ލިސްޓު"ގައިވާ ކަމެކެވެ.