އައްޑޫ ސިޓީގެ ރައްޔިތުން އަނދިރީގައި ތިއްބާ ބޮށު ހަރަދުކޮށްގެ މާލެ ދިއްލުމާ ދެކޮޅު ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަމުންދާތީ ގިނަ ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރަމުން ގެންދިޔަ ޖަނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ ސިޓީން ކަރަންޓް ކަނޑާ ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

މިކަމާއި ގުޅިގެން އިބްރާހިމް މުހައްމަދު އެކުސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ ދެކޮޅު ކަމަށާއި އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހުގައި ކަމަށެވެ.

އައްޑޫގެ ކަރަންޓް މައްސަލަ ބޮޑުވެ އެކަމަށް ހައްލު ނުވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ އީދަށް އައްޑޫ ދިއްލުމާ ދެކޮޅު ހަދަމުންނެވެ. އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ އީދު ލައިޓު ހަރުކުރަން އެންގުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ކަރަންޓު މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވަނީ ގޮވާލާފަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލައިފަ އެވެ.