މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ހާފިޒންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ގައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ކީރިތި ޤުރްއާނާބެހޭ ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފަ އެވެ.

އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުންވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.