ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައިން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ މުހައްމަދު އައިހަމް 23، ގަސްކަރަ، ނ. ވެލިދޫ ކަމަށެވެ. އެއީ ސިފައިންގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އެއާޕޯޓު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ. އޭގެތެރެއިން ޔޫސުފް ނަޒީރުއަކީ ފުލުހެކެވެ.
ނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަގަށް ބޭރު ކުރަން އުޅުނު ސިނގިރޭޓު ކާޓޫންތަކުގެ އަދަދު 140އަށް އަރަ އެވެ. މި ތަކެއްޗަކީ ވީއައިއޭގެ ޑީޕާޗާ ހޯލުގައި ހުންނަ ޑިއުޓީ ފިހާރައިގެ ތަކެތި ކަމަށް ވެސް ބުންޏެވެ.