މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސެންޓްރަލް ޣައްޒާގެ "އަންނޯން ސޮލިޑާސް ސްކޮއާ"އަކީ ކޮންމެ އީދަކާ ދިމާކޮށް ވެސް ހަލަބޮލި ސަރަހައްދެކެވެ. އީދު ބާޒާރުތައް މުޅި ސަރަހައްދުގައި އޮންނައިރު އެއީ އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަ އެކި ކަހަލަ އީދު ކުޅިވަރުތައް ބާއްވާ މައިދާނެކެވެ.
އެހެން ނަމަވެސް މިއަދު ހާލަތު ވަނީ މުޅިން ބަދަލުވެފަ އެވެ. އެއްއިރެއްގައި އެ ކުލަގަދަ އަދި ހަލަބޮލި މައިދާން މިއަދު އޮތީ ނިދާފަ އެވެ. އީދެއް ބޯމަތި ވެފައިވާއިރު އެއީ މީގެ ކުރިން އީދު ފާހަގަކުރި މައިޒާނެއް ހެން ވެސް ހީނުވެ އެވެ.
މިއަދު އެ ސަރަހައްދު ވެފައިވަނީ ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމަކަށެވެ. އެއްކޮޅުން އަނެއްކޮޅަށް ޖަހާފައިވާ ޓެންޓުތަކުން އިވެމުންދަނީ ތުއްތު ކުދިންގެ ގިސްލުމާއި ރުއިމުގެ އަޑެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަ ކުއްޖެއް ކަމަށްވާ ބަރައާ އަބޫ އައިޝާ ބުނީ އެ ސަރަހައްދަކީ އެއް އިރެއްގައި އޭނާގެ އާއިލާއާއެކު އީދު ހެދުން ގަންނަން އައި މައިޒާނެއް ކަމަށެވެ.
ފެނާއި ކާބޯތަކެއްޗަށް ޖެހިފައިވާ އާއިލާއަށް ފެން ޖަގުތައް އުފުލަމުން ދިޔަ ޔަޒާން އަލް ބަސްޔޫނީ ވެސް އޭނާގެ ހަނދާންތައް އާކުރަމުން ބުނީ މީގެ ކުރިން އީދުގައި ކާނިވަލްތަކާއި ބާޒާރުތަކަށް ގޮސް އުޅުނު ނަމަވެސް މިއަދު އެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ބުންޏެވެ.
މި ހާލަތާއެކުވެސް ޣައްޒާގެ މައިންބަފައިން އަންނަނީ އެމީހުންގެ ދަރިންނަށްޓަކައި އީދުގެ ރޫހު ދިރުވަން މަސައްކަތް ކުރަމުންނެވެ. ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން ނެތް ހިތްވަރު ކަށިން ނެރެގެން މި އީދުގެ އުފާ ދަރިންނަށް ހޯދައިދެވޭތޯ ވީވަރަކުން އެމީހުން މަސައްކަތް ކުރެ އެވެ.
"ހަނގުރާމައިގެ ކުރިން ފިތުރު އީދަކީ އަހަރުމެންގެ އާދަކާދައާއި ސަގާފަތްތައް ދިރުވަން ލިބޭ ފުރުސަތެއް" އުމުރުން 47 އަހަރުގެ މަންމައެއް ކަމަށްވާ ނޫހާ އަބޫ ހަނީ ބުންޏެވެ.
ހަނގުރާމައިގައި ހާލުގައި ޖެހި އާއިލާއާއެކު އުންވްރާ ކޭމްޕްގައި މިހާރު ދިރިއުޅެމުން އަންނަ ނޫހާ ތައްޔާރުވަމުން އަންނަނީ އީދަށް ހާއްސަ ކެއުމެއް ކަމަށްވާ ކާކް (އަނގޮޓިއެއްގެ ސިފައަށް ހުންނަ ބިސްކޯދެއް) ފިހުމަށެވެ. މިއީ ދެ އަހަރަށްފަހު އީދަށް އޭނާ އެ ކެއުން ތައްޔާރުކުރާ ފުރަތަމަ ފަހަރެވެ.
ކިތަންމެ ބޭނުން ވިޔަސް އީދު ފާހަގަ ކުރުމުގެ ނަސީބު ނުލިބޭ ގިނަ އަދަދެއްގެ އާއިލާތައް ވެސް ޣައްޒާގައި އެބަތިއްބެވެ. ޖަބަލިއާ ކޭމްޕްގައި ދިރިއޅެމުން އަންނަ މުހައްމަދު އަލް ސަވަރްކާއަށް އީދު ވެފައިވަނީ އޭނާގެ ތިން ދަރިން އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވެފައިވާ ކަން ހަނދާން ކޮށްދޭ ހިތްދަތި ކަމަކަށެވެ.
"އީދަކީ އަހަރުމެންނާއި އަހަރުމެންގެ ދަރިންނަށް އޮތް ނަސީބެއް ނޫން. އަހަރެންގެ ފަސް ދަރިން އެބަތިބި. އެއިން އެއްވެސް ކުއްޖަކަށް އީދަށް ހެދުމެއް ވެސް ނުގަނެވޭ. ކާނެ އެއްޗެއް ނެތިގެން އުޅޭއިރު އީދު ފާހަގަ ކުރާނީ ކިހިނެއް" ތުރުތުރު އަޅާ އަޑަކުން މުހައްމަދު ބުންޏެވެ.
ޣައްޒާގެ މުސްލިމުން ރަމަޟާން މަހުގެ ރޯދައަށް ތިއްބާ އަނިޔާވެރި އިޒްރޭލުން ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޣައްޒާއަށް ހަމަލާތައް އޮއްސަން ފަށާފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 900 އެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ.
ފިތުރު އީދާ ކުރިމަތިލާއިރު ޣައްޒާގެ އަޚުންނާއި އުޚްތުންނަށް ވަނީ އަހަރުމެންގެ ދުއާއަށް ބޭނުން ޖެހިފަ އެވެ. އަހަރުމެން މި އީދު ކުލަގަދަކޮށް ފާހަގަކުރާއިރު ދުނިޔޭގައި ހާލުގައި ޖެހިފައި ތިބި އީދު ފާހަގަ ކުރުމުގެ ނަސީބު ލިބިފައިނުވާ އެތައް ހާސް މުސްލިމުންނ ތިބިކަން ހަނދާންކޮށް އެމީހުން އަހަރުމެންގެ ދުއާތަކުގައި ޝާމިލް ކުރަން ޖެހެ އެވެ.