ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަރުކާރުގެ ބަޔާނަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން ބަޔާނެއް ނެރުއްވީ ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން ވައްކަން ކޮށްފި ކަމަށާއި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރެވޭނެ އުންސުރު ނެތް ކަމަށް ޕީޖީން ބުނުމުން ރައްޔިތުން އެކަމާ ދެކޮޅަށް އަޑު އުފުލަން ފެށުމުންނެވެ.

ސަރުކާރުގެ ބަޔާނަށް ފާޑު ވިދާޅުވަމުން އީވާ ވިދާޅުވީ ތިން ބާރު އޮތީ ވަކިވެފައޭ ކިޔާފައި އެ މައްސަލަ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށާއި އެ "ވައްކަމަށް" އިންސާފު ހޯދަން ބޭނުންވާ ވާހަކަ ދައުލަތުގެ ވެރިންނަށް ބުނެވޭނެ ކަމަށެވެ. އެ މައްސަލަ ރަނގަޅަށް ސާފުވަންދެން ބަލަން ބޭނުންވާ ކަމަށް ބުނުމަކީ މުއައްސަސާތަކަށް ބާރު ފޯރުވުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ދައުލަތުގެ ވެރިން. ރައްޔިތުން ވެރިކަން ހަވާލު ކުރި މީހުން. ދައުލަތާއި ގައުމާއި ދިވެހިރައްޔިތުން ގެންދާން ބޭނުންވާ ތެދުވެރި މިސްރާބު ސާފުކޮށްދިނުން އެއީ އެކަން ރައްޔިތުންނަށްވެސް ސާފުވާން ޖެހޭނެ. މަޖިލީހަށްވެސް މުއައްސަސާތަކަށްވެސް ސާފުވާން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައްކަމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ އިސްނެންގެވުމަށް ވާހަކަދައްކަން ފެށުމުން، އިންތިޚާބާ މިހާ ކައިރިވެފައިވަނިކޮށް އެފަދަ ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ ބައެއް ބޭފުޅުން އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއަދު އިންތިޚާބު އޮތްކަމުގައިވީ ނަމަވެސް ވައްކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގައި ވައްކަމަށް ތާއީދުކުރައްވާ ބަޔަކު އެބަ ތިބި ކަމަށާއި 2020 ވަނަ އަހަރުގެ މާޗު މަހާ ހަމައިން މި ވައްކަން ހިނގާ ކަމަށް ރައީސް ނަޝީދާއި އަދި ބައެއް އެހެން ބައެއް މެންބަރުން ވިދާޅުވުމުން، އެމްޑީޕީގެ ގައުމީ މަޖިލިހާއި ޕާލިމަންޓަރީ ގުރޫޕުގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުން ސާބިތުނުހިފޭ ވާހަކަ ނުދެއްކުމަށް ވިދާޅުވެ، އެއީ ދޮގެއް ކަމުގައި ވިދާޅުވަމުން ގެންދެވި ކަމަށެވެ.

އޭނާ ވިދާޅުވީ ވެންޓިލޭޓަރުތަކުގެ ވައްކަން ރަނގަޅަށް ނުބަލައިފިއްޔާ، އެއްވެސް ވައްކަމެއް ދެން ބަލާނެކަމުގެ އިތުބާރު ރައްޔިތުންނަށް ދެން ނޯންނާނެ ކަމަށެވެ. އަދި ޚުދު އޭނާއަށް ވެސް އެ އިތުބާރު ނޯންނާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް އޮފީހުން ބުނީ، ކޮވިޑް-19 އަށް ސަރުކާރުން ހަރަދުކުރި ގޮތާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ކަންތައްތައް ތަހުގީކުރަން ފުލުހުންނަށައި އޭސީސީ އަށް އިސްވެ ހުށަހެޅީ ސަރުކާރުން ކަމަށެވެ. އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފުލުހުންނަށް އޭރު އެންގި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކުރީ އޭސީސީން ކަމަށް ވާއިރު، އެކަން ކޮށްފައި ވަނީ މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ މުސްތަގިއްލުކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެ މިނިވަންކަން ދީފައި އެ ވަނީ ނުފޫޒެއް ނެތި ދައުވާކުރަން ކަމަށް ރައީސް އޮފީހު ނެރުނު ބަޔާނުގައިވެ އެވެ. ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި، އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާ ބެހޭ މުއައްސަސާތަކުން ކުރާ އެންމެހައި މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށެވެ.