ޑިޒްނީ ލައިވް އެކްޝަން ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ނެރުނު ފިލްމު "ސްނޯ ވައިޓް"އަށް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ރޭޗަލް ޒެލްގާއާއި ގާލް ގެޑޮޓް މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ މިހާތަނަށް ރިލީޒްކުރި ޑިޒްނީ ލައިވް އެކްޝަން ފިލްމުތަކުގެ ތެރެއިން އެންމެ ކުޑަ ތަރުހީބެއް ލިބުނު ފިލްމެވެ.

އެގޮތުން އެ ފިލްމު ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ފިލްމަށް ލިބިފައިވަނީ 87.3 މިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގައި ސްނޯ ވައިޓް ފްލޮޕްވާން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ކާސްޓިން ގޯސްވުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތުން ސްނޯ ވައިޓްގެ ރޯލުން ފެނިގެންދިޔަ ރޭޗަލްއަކީ އެ ރޯލަށް އެންމެ އެކަށީގެންވާ އެކްޓަރު ނޫންކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މީގެ އިތުރުން ވެސް ސްނޯ ވައިޓްގެ މުހިއްމު ރޯލަކުން ގާލް ގަޑޮޓް ފެނިގެން ދިއުމަކީ ވެސް ފިލްމު ނާކާމިޔާބުވާން މެދުވެރިވި އެއް ސަބަބެވެ. ގާލްއަކީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުގެ ސިޔާސަތުތަކަށް ތާއީދުކުރާ ޒައަނިސްޓަކަށްވާއިރު ގިނަ ބަޔަކު ވަނީ އޭނާ ބޮއިކޮޓް ވެސް ކޮށްފަ އެވެ.

ސްނޯ ވައިޓްއަށް ފިނި ތަރުހީބެއް ލިބުނު ނަމަވެސް މީގެ ކުރިން ނެރެފައިވާ "ސްލީޕިން ބިއުޓީ" އަދި "ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމުތަކެވެ.