އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވަން ހަމަޖެހިފައި އޮތް ކޮންސެޓަކަށް ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ލަހުން އައުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން މެލްބަންގައި އޮތް އެ ކޮންސެޓަށް ނޭހާ ގޮސްފައިވަނީ ތިން ގަޑިއިރު ފަހުންނެވެ. ލަހުން އައުމަށްފަހު އޭނާ ވަނީ ސްޓޭޖަށް އަރައި ރޮމުން އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އެހެން ނަމަވެސް ކޮންސެޓަށް އެއްވެ ތިބި މީހުން ވަނީ އޭނާއާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އެއްޗެހި ވެސް ނޭހާއާ ދިމާއަށް އުކާފަ އެވެ.
އެ ކޮންސެޓަށްފަހު ނޭހާ ބުނެފައިވަނީ ކޮންސެޓު އިންތިޒާމު ކުރެވިފައިވަނީ ވަރަށް ދަށު ދަރަޖައިގެ ފެންވަރަކަށް ކަމަށާއި އެ ކޮންސެޓުގެ ފައިސާ ވެސް އޭނާއަށް ނުލިބޭ ކަމަށެވެ.
ނޭހާގެ އެ ތުހުމަތުތަކަށް ރައްދު ދެމުން ކޮންސެޓު އިންތިޒާމުކުރި ފަރާތުން ބުނެފައިވަނީ ނޭހާގެ ސަބަބުން އެ ފަރާތަށް ބޮޑު މާލީ ގެއްލުމެއް ލިބުނު ކަމަށާއި އެ ގެއްލުންތަކަށް ނޭހާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.
ނޭހާއަކީ މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއަށް ވީ ނަމަވެސް އޭނާއަށް ފާޑުކިޔާ މީހުން ވެސް ވަރަށް ގިނަ އެވެ.