ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ މަސައްކަތުގެ އަޚްލާގަށް ފާޑުކިޔާ މީހުންނަށް އެންމެ ފަހުން އޭނާ ވަރުގަދަ ރައްދެއް ދީފި އެވެ.

ދާދި ފަހުން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާ ބެހޭގޮތުން ބޮލީވުޑްގައި ވަރަށް ގިނަ ވާހަކަތައް ދެކެވޭ ކަމަށާއި އެ ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނަމަ އޭނާ މިއަދު ހުރި ހިސާބަށް ނާދެވުނީސް ކަމަށެވެ.

"އަހަރެންގެ ފިލްމީ ހަޔާތުގައި 100 ފިލްމަށްވުރެ ގިނަ ފިލްމު ކުޅެފިން. އަހަރެންގެ އަޚްލާގު ގޯސްނަމަ އެކަން ހާސިލް ނުވީސް." ސަލްމާން ބުންޏެވެ.

އެހެން ނަމަވެސް ބޮލީވުޑްގައި އެހެން އެކްޓަރުންނާއި އޭނާގެ މަސައްކަތުގެ ވައްޓަފާޅި ވަރަށް ބޮޑަށް ތަފާތުކަން އޭނާ ފާހަގަކުރި އެވެ.

"ބައެއް އެކްޓަރުން މަސައްކަތް ފަށާނެ 6 ޖަހާއިރު. އަހަރެން ފަށަނީ 11:30 ހާއިރު. އެއީ އޭގެ ކުރިން އަހަރެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާތީ" ސަލްމާން ބުނެފައިވެ އެވެ.

ސަލްމާންއާއެކު މަސައްކަތްކުރި ބައެއް ތަރިން އޭނާގެ މަސައްކަތަށް ތައުރީފު ކޮށްފައިވާއިރު ބައެއް ތަރިން ވަނީ އޭނާ ޝޫޓިންއަށް ލަހުން އަންނަ ކަމަށާއި މަސައްކަތުގައި ފަރުވާކުޑަ ކުރާ ކަމަށް ބުނެ ޝަކުވާ ވެސް ކޮށްފަ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަށް ބަލާއިރު މި ފިތުރު އީދުގެ މުނާސަބަތުގައި ނެރުނު ފިލްމު "ސިކަންދަރު"އަށް ބޮކްސްއޮފީހުގައި ލިބެމުން އަންނަނީ ވަރަށް ފިނި ތަރުހީބެކެވެ.