މި ފަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ގެބިސީތަކަށް ބެހި މަސްދަޅު ކޭސްތައް ގަންނަން ދައުލަތުން 79.4 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 108،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް މި އަހަރު ބެހި ކަމަށެވެ. އެ މަސްދަޅު ކޭސްތައް ބެހީ "ރައްޔިތުންނަށްޓަކައި" ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެއީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހި 79 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ މަސްދަޅު ކޭހަކަށް މިފްކޯ އިން 30ރ. ގެ ޑިސްކައުންޓެއް ވެސް ދިން ކަމަށެވެ. އެހެންކަމުން ކޮންމެ މަސްދަޅު ކޭހަކަށް ސަރުކާރުން ޚަރަދުކުރީ 730ރ. ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސްތައް ބެހީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.