އިނގިރޭސި ޝާހީ އާއިލާއިން ވަކިވުމަށްފަހު ޕްރިންސް ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލް މިހާރު ދިރިއުޅެމުން އަންނަނީ އެެމެރިކާގަ އެވެ.
އެގައުމުގައި އާއްމު ދިރިއުޅުމެއް އުޅެން އެ ދެމީހުން މަސައްކަތް ކުރާއިރު މޭގަން އަންނަނީ މަސައްކަތުގެ ގޮތުން ތަފާތު ކަންތައްތަކެއް ކުރަމުންނެވެ.
އެގޮތުން ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ އެކި ކަހަލަ ވިޔަފާރިތައް ފަށާފަ އެވެ. އެގޮތުން ނެޓްފްލިކްސް ޝޯއެއްގެ އިތުރުން ސްޕޮޓިފައި މެދުވެރިކޮށް ޕޮޑްކާސްޓެއް ފަށާފައިވާއިރު އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ވެސް ޕޮޑްކާސްޓެކެވެ.
ގާތްގާތުގައި ގިނަ ޕްރޮޖެކްޓްތަކެއް ފަށައި ބައެއް ޕްރޮޖެކްޓްތައް ނާކާމިޔާބު ވުމުން ދާއިރާގެ ކްރިޓިކްސްއާއި އާއްމުންގެ ފާޑުކިޔުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަމާޒްވެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެމުން މޭގަން ބުނީ ފާޑުކިޔުންތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި އެއީ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށެވެ. އެއާއެކު އޭނާއަކީ ފުރާވަރު އުމުރުން ފެށިގެން ވަޒީފާ އަދާކުރި މީހެއް ކަމަށް ވެސް މޭގަން ފާހަގަކުރި އެވެ.
ޕްރިންސް ހެރީއާ ކައިވެނި ކުރުމަށްފަހު ހޮލީވުޑްގެ ކެރިއަރު ދޫކޮށްލި މޭގަންއާއި ޕްރިންސް ހެރީއަށް މިހާރު ދެ ކުދިން ވެސް ވަނީ ލިބިފަ އެވެ.