ދަ ޑިމޮކްރެޓިކްސްއަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތެއް ނެތް ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ބޭފުޅުން ހިތްހަމަނުޖެހުނަސް އެއީ ހަގީގަތް ކަމަށެވެ.
"ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ކުޑަކޮށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވި ނަމަވެސް، އަނެއްކާވެސް ދަންނަވަން އޮތީ މީގެ ތިން މަސް ކުރިންވެސް ހަމަ ދެންނެވި ވާހަކަ،" ހަސަން ލަތީފް އެކްސްގައި ލިޔުއްވާފައިވެ އެވެ.
މީގެ ތިން މަސް ކުރިން ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވެސް ހަސަން ލަތީފް ވަނީ މިފަދަ ވާހަކަތަކެއް ދައްކަވާފަ އެވެ.
އޭރު އޭނާ ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްއިން ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ޕާޓީއެއް އުފައްދައިގެން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަޔަސް، ވެރިކަމަށް އައިސް ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެ ގާބިލިއްޔަތުކަމެއް އެ ޕާޓީގައި ނެތް ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ލަތީފްގެ މިފަދައިން ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ޑިމޮކްރެޓްސް އާއި އެމްޑީޕީން ނަޝީދުގެ މި ހުށަހެޅުމަށް ތާއީދު ކޮށްފައިވާއިރު، އެމްޑީޕީގެ ބައެއް މެންބަރުން މި ހުށަހެޅުމާ ދެކޮޅަށްވެސް ބަސް ބުނެފައިވެ އެވެ.