ދެވަނަ ދަރިފުޅު ޖެހަންގީރު އަލީ ޚާން ވިހެއުމަށްފަހު ބަރުދަން 25 ކިލޯ އިތުރުވި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ.
ދާދި ފަހުން އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ ޖެހް އުފަންވުމަށްފަހު އޭނާގެ ބަރުދަނަށް ބޮޑު ބަދަލެއް އައި ކަމަށާއި އެހެން ނަމަވެސް އެކަމުން އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"އެއްއިރަކު އަހަންނަށް ހީވި ދެން މިކަމެއް ނުވާނެއޭ. އެކަމަކު އިސާހިތަކު އެ އިހުސާސް ފިލައި އަލުން އަހަރެންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ލިބުނު" ކަރީނާ ބުންޏެވެ.
ކަރީނާ އިތުރަށް ބުނީ ކޮންމެ އަންހެނަކު ވެސް ދިރިއުޅެން ވާނީ އެގޮތުގެ މަތިން ކަމަށާއި އަމިއްލަ ނަފްސުދެކެ ލޯބިވުމަކީ ދިރިއުޅުމުގެ ހިއްސާއަކަށް ހަދަންޖެހޭ ކަމަށެވެ.
ކަރީނާއަކީ އެކި ޕްލެޓްފޯމްތަކުގައި އެކި ދުވަސްވަރު ތަފާތު ޓްރެންޑްތައް ހަދާ ތަރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަރި އެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު "ރޭމްޕް ވޯކް" ކުރުމާއި "ޒީރޯ ފިގާ ފޮޓޯ ޝޫޓް" ތަކަކީ އޭނާގެ ހާއްސިއްޔަތެވެ.
2012 ވަނަ އަހަރު ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންއާ ކައިވެނިކުރި ކަރީނާއަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޖެހަންގީރުގެ އިތުރުން އޭނާގެ ބޭބެ ތައިމުރް އަލީ ޚާން އެވެ.