ކޮވިޑް-19އާ ދެކޮޅަށް ބޭނުންކުރަން އެމެރިކާގައި އެންމެ ފުރަތަމަ ހުއްދަ ދިން ފައިޒާ އަދި މޮޑާނާގެ ވެކްސިނުން 90 ޕަސެންޓް ދިފާއެއް ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާއިން އިއްޔެ އާއްމުކުރި އެ ދިރާސާއިން ދައްކާގޮތުގައި ފައިޒާ އަދި މޮޑާނާ ވެކްސިން ކޮވިޑް-19 އާ ދެކޮޅަށް 90 ޕަސެންޓް މަސައްކަތްކުރެ އެވެ. އަދި ދިރާސާ ގައި ގާތްގަނޑަކަށް އެމެރިކާގެ 4،000 ހެލްތް ވޯކަރުންގެ ޓެސްޓް ހެދިފައިވެ އެވެ.
ކޮވިޑާ ދެކޮޅަށް ބޭނުންކުރާ އެ ވެކްސިންތަކުގެ އެންމެ ޑޯޒްކުން ވެސް 80 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާއިން ދައްކަ އެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް ސެންޓަރު (ސީޑީސީ) އިން ހެދި އެ ދިރާސާގައި ދެ ވެކްސިން ބައްޔާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ބެލުމުގެ ގޮތުން އެ ގައުމުގެ ހަ ސްޓޭޓް ހިމަނައިގެން ޑިސެމްބަރު 14 އިން ފެށިގެން މިމަހުގެ 12ގެ ނިޔަލަށް 3،950 މީހެއްގެ ޓެސްޓްގެ ނަތީޖާ ބޭނުން ކޮށްފައިވެ އެވެ.
ސީޑީސީގެ ޑިރެކްޓަ ރޮޝެލް ވޮލެންސްކީ ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާކަމުގެ ހެއްކެކެވެ.
އެ ދިރާސާއަށް އެންމެ ބޮޑު އެހީއެއް ލިބިފައިވަނީ ދިރާސާގެ ބައިވެރިން އަމިއްލައަށް ކޮންމެ ދުވަހަކު ބަލީގެ އަލާމާތްތައް ނުފެނުނު ނަމަވެސް ނަގާފައިވާ "ނޭސަލް ސްވެބް ޓެސްޓް" ގެ ނަތީޖާތަކުންނެވެ.
މި ޓެސްޓްތަކުގެ ހޯދުންތަކުން ވެކްސިން ޖެހުމުން ބަލީގެ އަލާމާތްތަކުގެ އިތުރުން އިންފެކްޝަން ކޮންޓްރޯލްވާކަން ހޯދިފައިވެ އެވެ.
މި ދިރާސާގައި އެ ގައުމުގެ ސްޓޭޓްތައް ކަމަށްވާ އެރިޒޯނާ، ފްލޮރިޑާ، މިނެސޯޓާ، އޯރެގަން، ޓެކްސަސް އަދި އޫޓާގެ ޑޮކްޓަރުންނާއި ނަރުހުންނާއި، ފާސްޓް ރެސްޕޯންޑާސްގެ އިތުރުން ހެލްތްކެއާ ވޯކާސް ބައިވެރިވެފައިވެ އެވެ. މި ބައިވެރިންގެ ތެރެއިން 62.8 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު 12.1 ޕަސެންޓް މީހުންނަކީ ހަމައެކަނި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނެވެ.
މިގޮތުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ތިން މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ދިރާސާއިން ދައްކާފައިވެ އެވެ.
މި ދިރާސާގެ ދިރާސާވެރިން ވިދާޅުވެފައިވާ ގޮތުގައި އިންފެކްޝަން ރޭޓް މަދުވުމުގެ ސަބަބުން ސީދާ ޕްރޮޑަކްޓް- އެސްޓިމޭޝަނެއް ހޯދުމަކީ ދަތި ކަމަކަށް ވާނެ އެވެ.
މި ދިރާސާއަކީ އަދިވެސް ކުރިޔަށްދާ ދިރާސާއަކަށް ވާތީ ސައިންސްވެރިން ވެކްސިންޖަހާފައިވާ މީހުންނަށް ބަލިޖެހޭ ސަބަބު ދެނެގަތުމަށް އެފަދަ ކޭސްތަކުގައި ދަނީ ވައިރަސް ސީކުއެންސް ކުރަމުންނެވެ.