ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން އެނބުރި ބޮލީވުޑަށް އަންނަން ތައްޔާރު ވެފައިވާއިރު، އެ ފިލްމު ބޮއިކޮޓް ކުރަން ގިނަ ބަޔަކު ގޮވާލަމުން އެބަދެ އެވެ.

އަންނަ މެއި މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "އަބީރު ގުލާލް"ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒާ ދޫކޮށްލާފައިވާއިރު އެ ފިލްމު އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ރިލީޒް ނުކުރަން ވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން މަހާރަސްތުރާގެ ސިނަމާތަކުގައި އެ ފިލްމު ނާޅުވާނެ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހާރަސްތުރާ ނަވްނިރްމަން ސޭނާގެ ލީޑަރު ވަނީ ބުނެފަ އެވެ.

މި ފިލްމު ބޮއިކޮޓް ކުރަން ގޮވާލަމުން ދަނީ އިންޑިއާގެ ހުނަރުވެރި އެކްޓަރުން ތިއްބާ ޕާކިސްތާނުގެ އެކްޓަރަކަށް ފުރުސަތު ދީ އެހެން ގައުމެއްގެ ތަރިން ޕްރޮމޯޓް ކުރަން މަސައްކަތް ކުރާތީ އެވެ.

މީގެ ކުރިން ވެސް ޕާކިސްތާނުގެ ބައެއް އެކްޓަރުން ބޮލީވުޑުގެ ފިލްމުތަކުން ފެނިފައިވާއިރު އެ ތަރިންނަށް އިންޑިއާގެ ސަރުކާރާއި އާއްމުންގެ ފަރާތުން ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ފިލްމު "ހޫބުސޫރަތު" އިން 2014 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ފަވާދު ވަނީ އޭގެ ފަހުން "ކަޕޫރު އެންޑް ސަންސް" އަދި "އޭ ދިލްހޭ މުޝްކިލް" ފަދަ ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ޝައުގުވެރި ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ ފިލްމު "އަބީރު ގުލާލް"އިން ފަވާދުއާއެކު ދެން ފެނިގެންދާނީ ޒުވާން ތަރި ވާނީ ކަޕޫރު އެވެ.