ދުނިޔޭގެ ހުރިހާ ގައުމުތަކަށް ހުޅުވާލެވިގެން ބާއްވާ މިއުޒިކް ރިއަލިޓީ ޝޯއެއް ކަމަށްވާ "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ދިވެހި ބޭންޑަކުން ބައިވެރިވެއްޖެ އެވެ.
އިންޑިއާގެ ސަރުކާރުން ހިންގާ ޗެނަލްއެއް ކަމަށްވާ "ދޫރްދަރްޝަން"އިން ކުރިއަށް ގެންދާ މި ޝޯގައި ބައިވެރިވެފައިވަނީ ދިވެހި ބޭންޑް "ޓޫއޮފްއަސް" އެވެ.
މި ޝޯގައި ބައިވެރިވާން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށައެޅުންތައް ލިބިފައިވާއިރު "ޓޫއޮފްއަސް"އަކީ އެ ޝޯއަށް ޝޯޓްލިސްޓް ކޮށްގެން އެ ޝޯއަށް ހޮވުނު ބޭންޑްތަކުގެ ތެރެއިން ބޭންޑެކެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑުގެ މެމްބަރުނަކީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، އަހުމަދު ޝަހީދު، މުހައްމަދު ނަސޫހް ބިން ނަސްރުއްދީން އަދި އަހުމަދު ޖަޝީމް އެވެ.
"ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"އަކީ ހިންދީ ބަހުން ލަވަކިޔާ ބޭންޑުތަކަށް ހާއްސަ ކޮށްގެން ދޫރްދަރްޝަންއިން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި ޝޯގެ ފުރަތަމަ އެޕިސޯޑު ދައްކާފައިވާއިރު "ޓޫއޮފްއަސް"އިން ހުށައަޅައިދިން ހުށައެޅުމަށް ފަނޑިޔާރުންގެ ތައުރީފް ވަރަށް ބޮޑަށް ލިބުނެވެ. އެ އެޕިސޯޑުގައި "ޓޫއޮފްއަސް"އިން ހުށައަޅައިދިނީ ދިވެހި ލަވައެއް ކަމަށްވާ "އެއްޗެއް ކަޅެއް" އަދި ހިންދީ ރެޓްރޯ ލަވަ "ބާބޫ ސަމްޖޯ އިޝާރާ"ގެ ފިއުޝަން އެކެވެ.
ރާއްޖޭގެ އިތުރުން އެ މުބާރާތުގައި އަފްޣާނިސްތާން، މޮރިޝަސް، ސިންގަޕޫރު، ނޭޕާލް، ސްރީލަންކާ، ރަޝިއާ، ސްޕެއިން، ތަޖިކިސްތާން އަދި އިނގިރޭސި ވިލާތުގެ ބޭންޑްތައް ބައިވެރިވެ އެވެ.