ބެލުންތެރިންނަށް އޭނާ އެންމެ ކަމުދަނީ އެކްޝަން މަންޒަރުތައް ހިމެނޭ ރުޅިގަދަ ރޯލުތަކުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ބުނެފި އެވެ.
މިފަހުން ދިން އިންޓަވިއުއެއްގައި ސަނީ ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމުތަކުގައި ކުޅެފައިވާ ރޯލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން މިހާރަކަށް އައިސް އޭނާއަށް ހުށައަޅަނީ ވެސް އެކަހަލަ ރުޅިގަދަ ރޯލުތައް ކަމަށާއި ބެލުންތެރިންނަށް ވެސް އޭނާ ކަމުދަނީ އެގޮތަށް ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ސަނީ ބުންޏެވެ.
އެއާއެކު ލޯބީގެ ފިލްމުތަކަކީ އޭނާއަށް އެހާ ގުޅޭ ފިލްމުތަކެއް ނޫން ކަމަށާއި އެކަން މާޒީއިން އެނގެން އެބައޮތް ކަމަށް ވެސް ސަނީ ބުނެފައިވެ އެވެ.
ސަނީ މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖާޓް" ސިނަމާގައި ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ފިލްމުން ވެސް އޭނާ ފެންނަނީ ރުޅިގަދަ ރޯލަކުންނެވެ.
މީގެ ކުރިން ސަނީ ކުޅެފައިވާ އެކްޝަން ޖޯންރާގެ ފިލްމުތަކަށް ބަލާއިރު "ބޯޑާ" އަދި "ގަދަރް" ފަދަ ފިލްމުތައް ހިމެނެ އެވެ. ލޯބީގެ ފިލްމުތަކަށް ބަލާއިރު "ބޭތާބް" އަދި "ޑަރް" ހިމެނެ އެވެ.