ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލާގައި އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުަނު ނޫސްބަޔާނެއްގައި ބުނީ މެންބަރުންގެ ގޮނޑިގެއްލޭ ގާނޫނާއި ބެހޭ މައްސަލަ ކުރިއަށް ގެންދިއުން ހުއްޓުވުމަށްޓަކައި ދިވެހި ރާއްޖެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނު އަލް ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑް ކުރުމާ މެދު އދ ގެ ތަޖުރިބާކާރަކު ކަންބޮޑުވުން ފާޅުކޮށްފަވާ ކަމަށެވެ.

ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ފަރާތްކަމަށްވާ މާގަރެޓް ސެޓަތުވެއިޓް ވިދާޅުވީ ރާއްޖޭގެ ގާނޫނަށް ގެންނަން ނިންމި އިސްލާހު ސުޕްރީމް ކޯޓުން ރިވިއު ކުރުމާއި ދެކޮޅަށް އަމާޒުކޮށް ކުރިއަށްގެންދާ މި އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ސެޓަތުވެއިޓް ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރުމަށް ބިލެއް ފާސްކޮށްފައިވާ ކަމަށާ މިއާއިއެކު ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލާޒިމުވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް މި ނޫސްބަޔާނުގައި ސެޓަތުވެއިޓް ވިދާޅުވީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ތިން ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ޖޭއެސްސީ އަށް އަންގާފައިވާކަމަށާއި އޭގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދީފައިވާ ކަމަށެވެ.

ސެޓަތުވެއިޓް އިތުރަށް ވިދާޅުވީ މައްސަލަތަކާއި ގުޅޭ އަޑުއެހުންތައް އާއްމު ނުކުރުމާއި މި އަޑުއެހުންތަކުގައި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން އދ އިން ރާއްޖޭގެ ސަރުކާރާއި އެކު މިކަމާ ގުޅޭ ގޮތުން ވާހަކަތައް ދައްކަމުން އަންނަ ކަމަށް ބުނެފަ އެވެ.