ކަޕް ފުޑްސް ފިހާރައިގާ މަސައްކަތްކުރާ ކްރިސްޓޮފާ މާޓިންއަކީ ޖޯޖް ފްލޮއިޑް މަރުވުމުގެ ކުރިން ވާހަކަ ދެއްކި މީހުންގެ ތެރެއިން އެކަކެވެ.

ޖޯޖް ފްލޮއިޑް މަރުވެފައިވަނީ މިނީއަޕޮލަސްގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން ފްލޮއިޑްގެ ކަރަށް ފައިން އަރައި، އޭނާގެ ކަކުލުން ޕްރެޝާކޮށްގެން ހުރުމާ ގުޅިގެންނެވެ.

ޗައުވިން ވަނީ އެ މައްސަލައާ ގުޅިގެން ފުލުސްގެ ވަޒީފާއިން ކަނޑާލާފަ އެވެ. އަދި އޭނާ ވަނީ މީހަކު ގަސްދުގައި މަރާލިކަމަށް އެއްބަސް ނުވެ، އެ ކުށް ނުކުރާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

މާޓިން އަކީ މިހާދިސާއާ ގުޅިގެން ކޯޓަށް ހުށަހެޅި ނުވަ ހެކިންގެ ތެރެއިން އެކެކެވެ.

މާޓިން ބުނިގޮތުގައި ޖޯޖްގެ އަތުން އެ "ފޭކް" 20 ޑޮލަރުގެ ނޫޓު ނުނެގުނު ނަމަ އޭ މިހާރު ހިތައް އަރަ އެވެ.

"އެ ނޫޓު ނުނެގި ނަމަ އެ ހުރިހާ ކަމެއް ނުވީސް،" މާޓިން ކޯޓުގައި ބުނެފައިވެ އެވެ.

މާޓިން ބުނާ ގޮތުގައި ޖޯޖް އަކީ ވަރަށް "ރަހުމަތްތެރި" މިޒާޖެއްގެ ގިނަ ވާހަކަ ދައްކާ މީހެކެވެ. އެ ދުވަހު ޖޯޖް އާއި މާޓިން އާ ވާހަކަ ދެއްކި ކަމަށް ވެސް މާޓިން ބުނެފައިވެ އެވެ. ނަމަވެސް މާޓިން ބުނާ ގޮތުގައި ޖޯޖް ހީވީ މަސްތުވެގެން ހުރި މީހެއްހެން ކަމަށެވެ.

އެމެރިކާގެ މެޑިކަލް އެގްޒާމިނަރުން ޖޯޖްގެ މަރަކީ ފުލުހުންގެ އަތުން ވީ ކަމެއް ކަމަށް ނިންމާފައިވާ ނަމަވެސް، ޗައުވިންގެ ލޯޔަރު ބުނި ގޮތުގައި އެ މަރަކީ ޑްރަގް އޯވާޑޮޒް އާ ގުޅިގެން ހިނގައިދިޔަ މަރެކެވެ.

މާޓިން ބުނި ގޮތުގައި ޖޯޖްއަށް އޭނާ ވިއްކީ ސިނގިރެޓު ފޮއްޓެކެވެ. އަދި ލިބުނު ނޫޓަކީ ފޭކް ނޫޓެއް ކަމަށް ބަލައި އޭނާގެ މެނޭޖަރާ މިކަން ހިއްސާކުރުމުން މެނޭޖަރު އޭނާ ގާތުގައި ޖޯޖް އާއި ވާހަކަ ދައްކަން ބުނި ކަމަށް ވެސް މާޓިން ބުންޏެވެ.

އެ ކަމަށް ގުޅިގެން ޖޯޖް އާއި އޭނާގެ ކާރުގައި ތިބި އެހެން ދެ މީހުން ފިހާރަޔަށް އަނބުރާ ނައުމުން މެނޭޖަރު ފުލުހުންނަށް ގުޅަން ފިހާރައިގެ އެހެން މަސަކަތު މީހެއް ކައިރީގައި ބުނި ކަމަށް ވެސް މާޓިން ބުންޏެވެ.

ޖެނެވީވް ހަންސެން - މިނީއަޕޮލިސްގެ ފަޔާފައިޓާ އަދި ޕެރަމެޑިކް އެއް

ޖެނަވީވް ހަންސެން އަކީ ޖޯޖް ހައްޔަރު ކުރިއިރު އެތަނުގައި ހުރި ފަޔާ ފައިޓަރެއް އަދި ޕެރަމެޑިކް އެކެވެ.

ޖޯޖްގެ ހާދިސާ ހިނގިއިރު ވީޑިއޯތަކުން ޖޯޖްގެ ވިންދު ބެލުމަށް އޭނާ ގޮވާ އަޑު އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާގެ ވީޑީއޯ އިން އިވެ އެވެ.

އެވަގުތު އޮފް ޑިއުޓީގައި ހުރި ޖެނަވީވް ކޯޓުގައި ބުނީ އެ ދުވަހު އޭނާ ޖޯޖްގެ ވިންދު ބެލުމަށް އާދޭސް ކުރި ކަމަށެވެ.

"ތިއީ މިނީއަޕޮލިސްގެ ފަޔާފައިޓަރެއް ކަމުން މިކަމާ ނުބެހި ހުންނަށް އެންގެންވާނެ،" އެތަނުގައި ހުރި އެހެން އޮފިސަރަކު ބުނި ކަމަށް ޖެނަވީވް ބުންޏެވެ.

ޗައުވިންގެ ލޯޔާރު ޖެނަވީވް ގާތުގައި ފުލުހުންނަށް އޭނާގެ ފަޔާފައިޓަރު އައިޑެންޓިފިކޭޝަން ދެއްކިހޭ ސުވާލު ކުރުމުން ނޫނެކޭ ބުނެފައި ވެ އެވެ. އަދި ޕްރޮސެކިއުޓަރު އެނާގެ އަތުގައި އެވަގުތު އައިޑެންޓިފިކޭޝަން އޮތްތޯ އެހުމުން ބުނީ އެވަގުތު އޮފް ޑީއުޓީގައި ހުރުމުން އައިޑީ ނެތް ކަމަށް ބުންޏެވެ.