މިވަގުތު ހަވާލުވެގެން ހުރި އެމެރިކާ ސަރުކާރުގެ މަގާމު ދޫކޮށް އޭނާގެ އަމިއްލަ ކުންފުނި ހިންގުމަށް އެނބުރި ދިއުމަށް ގަސްދުކުރާ ކަމަށް މަހުޖަނު އީލަން މަސްކް ބުނެފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝެންސީ (ޑޯޖް) ހިންގުމާ މިވަގުތު ހަވާލުވެގެން ހުރި މަސްކް އެ މަގާމުން ދުރުވާން ގަސްދުކުރާކަން އިންވެސްޓަރުންނަށް ވަނީ އަންގާފަ އެވެ. އެގޮތުން އޭނާގެ ގިނަ ވަގުތު ހާއްސަ ކުރަން ބޭނުންވަނީ މިހާރު މާލީ އަޑިގަނޑެއްގައި އޮތް އޭނާގެ ކުންފުނި ޓެސްލާ އަލުން ހަމަމަގަށް އަޅުވަން ކަމަށް އޭނާ ބުނެފައިވެ އެވެ.

އަލުން ޓެސްލާގެ ކަންކަމަށް އެނބުރި އަންނަ އީލަން ނިންމާފައިވީ ނަމަވެސް ފާޅުގައި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ތާއީދު ކުރުމުގެ އަސަރު އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ.

އެގޮތުން މިހާރު އެ ކުންފުނި އޮތް އަޑިގަނޑުން ނެގުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ޓްރަމްޕްގެ ސަރުކާރު ދޫކޮށް އަމިއްލަ ކުންފުނި ސަލާމަތްކުރަން އުޅެން މާ ލަސްވެއްޖެ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

އީލަންގެ ސިޔާސީ ހަޔާތާއެކު އޭނާގެ ކުންފުންޏަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ކުންފުނީގެ ސްޓޮކް ވެސް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.

އޭނާގެ މައްސަލަ ބޮޑު ސިޔާސީ ނިންމުންތަކުގެ ސަބަބުން ވިޔަފާރިއަށް އަސަރު ކުރިކަމަށް ބުނާ ހަބަރުތައް އީލަން ދޮގުކުރާއިރު ކުރިއަށް އޮތް ތަނުގައި ވިޔަފާރި ހަމައަކަށް އެޅުވޭނެ ކަމަށް ވެސް އޭނާ ގަބޫލު ކުރެ އެވެ.