މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެން މިހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީގެ ބޮލުގައި އަޅުވައިފި އެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޔުމްނު ވެއްޓުމުގެ ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރުދިން މީހުން ކަމަށެވެ.

"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.

ބިރަކާއި ނުލައި މަޖާކުރުމުގެ ވާހަކަ އަކީ އެމްޑީޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ދައްކާފައިވާ ވާހަކައެކެވެ.

އިސްލާމްދީނުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކަކީ ބިރަކާއި ނުލައި މަޖާކުރަން ހިތްވަރުދިން މީހުންނަށް މުހިންމު ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން، ދީނުގައި ކަނޑައެޅިފައި ހުރި، އިންތަކާއި މިންތަކާއި، އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ. މަޖާ ކުރާށޭ. ޒުވާން ކަމުގައި ތި ކުދިން ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެ ކުދިން މިސްޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވައި ބަލަން އެބަ ޖެހޭ. ލޯ ހުޅުވައި ބަލަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއް ބޭނުންކޮށްގެން ސިޔާސީ ފައިދާނަގަން އުޅޭ އުޅުމުގެ ތެރެއަށް ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށް ވުރެ އަޅުގަނޑުމެން ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭނެ ތެދާއި ދޮގު ވަކި ކުރަން އެނގޭ ބަޔަކަށް،" ރައީސް ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރި މައުލޫމާތުތަކުން އިތުރު ސުވާލުތަކެއް އުފެދޭތީ، ރެ އިން ފެށިގެން ގިނަ ބަޔަކު އަންނަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.