ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެ މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ އިމާރާތައް ފުލުހުން ވަންނަމުން ދަނިކޮށް ފުލުހުންގެ އިސްވެރިންނަށް ގުޅުމާއި އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ ސެކުއިރިޓީ ފުޓޭޖު ނުދިނުން ހިމެނޭ ކަމަށެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ ގޭގެ ޓެރަހުގައި ވަނީ ޕާޓީއެއް ބާއްވާފައެވެ. އެކަމާ ގުޅިގެން ސީސީޓީވީ ފްޓޭޖް ހޯދަން ފުލުހުން އެދުމުން އެގެއިން ބުނެފައި ވަނީ ކެމެރާތައް ހަލާކުވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު ނިވްސް ކޮންފަރެންސްއެއް ބޭއްވި ވަގުތު މިނިސްޓަރު އަމީން ކޮމިޝަނަރަށް ގުޅުއްވިކަން ވަނީ ހާމަވެފަ އެވެ. އެކަމާ ގުޅިގެން އަމީން ވިދާޅުވީ އޭނާ ކޮމިޝަނަރަށް ގުޅުއްވީ ކޯޓް އަމުރަކާ ނުލައި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ.
އިމާރާތެއްގެ މަތިން ޔުމްނު ވެއްޓުނު ރޭ އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.